އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރި ހުކުމާއެކު، ސާބިތު ދަރަންޏެއް އޮތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނި ކަމުގައި ވިޔަސް، އެ ޖޫރިމަނާ ދެއްކުމުގެ މުއްދަތު އަދި ހަމަނުވާ ކަމަށް ކުރީގެ ރައީސް ޔާމީން މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.
ކެނޑިޑެސީ މައްސަލައިގައި ޔާމީނުގެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، ޔާމީނުގެ ކެނޑިޑެސީ ބަލައިނުގަތް ސަބަބުތައް ތަފްސީލުކޮށް ޔާމީނަށް އަންގަވާފައިވާނެ ކަމަށެވެ. އެގޮތުން ސާބިތު ދަރަންޏެއް އޮތްކަމާއި، ޖަލުތަކާއި ޕެރޯލް ޤާނޫނުގައި ބުނެފައިވާ ސިޔާސީ ޙަރަކާތުގެ ވާހަކަވެސް ޔާމީނުގެ ކެނޑިޑެސީ ބަލައިނުގަތް ސަބަބުތަކުގެ ތެރޭގައި ހިމަނާފައިވާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ، ޔާމީނަށް ކޮށްފައިވާ ޙުކުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާ ކަމަށާއި، އެއީ ސާބިތު ދަރަންޏެއް ކަމަށެވެ. އެކަމާ ގުޅޭގޮތުން ފަނޑިޔާރުން ޔާމީނުގެ ވަކީލުންނާ ސުވާލު ކުރެއްވިއެވެ. އެގޮތުން އެ ވާހަކަ އެއްވެސް ވަރަކަށް ނުދެއްކެވީ ކީއްވެތޯ ޔާމީނުގެ ވަކީލުންގެ އަރިހުން ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.
އެކަމާ ގުޅޭގޮތުން ޔާމީނުގެ ވަކީލު ވިދާޅުވީ، 1 އޮގަސްޓު 2023 ގެ ރޭގަނޑުގެ ވަގުތެއްގައި ޕީޕީއެމްއަށް އީސީން ލިޔުން ފޮނުވި ކަމަށާއި، އީސީން ގުޅާފައި ލިޔުން ޙަވާލުކުރާ ވާހަކަ ބުނި ކަމަށެވެ. ނަމަވެސް އިސްތިއުނާފު ކުރެއްވީ އީސީން ފުރަތަމަ ދިން ލިޔުމާއި އެއްގޮތަށްކަމަށް ޔާމީނުގެ ވަކީލު ވިދާޅުވިއެވެ.
ވަކީލުވާހަކަ ދައްކަވާ ނިމުމުން ސީދާ ޔާމީން ވަނީ ތެދުވެ ވަޑައިގެން މިސުވާލަށް ޖަވާބު ދެއްވާފައެވެ. ޔާމީން ވިދާޅުވީ ސާބިތު ދަރަންޏެއް އޮތް ކަމަށް އީސީން ބުނާ ވާހަކަ އަކީ، އާރަށު މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ މުޅި ހުކުމުގެ ބައެއް ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި ދަރަންޏާ ގުޅޭ ގޮތުން، އެ ދަރަންޏެއްގެ މުއްދަތު ހަމަވާ ތާރީހު ހިމެނޭހެން ނޯޓިސްއެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެމަނިކުފާނަށާއި ވަކީލުންނަށް އަންގަވާނެއެވެ.
އަދި އެ ނޯޓިސް އެއް އަޅުގަނޑުގެ ލޯޔަރުންނަކަށް ލިބިފައެއް ނުވޭ. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަދިވެސް މުއްދަތު އެބައޮތް. އެ ދަރަނީގެ މުއްދަތު ހަމަވާ ދުވަސް ގުނާފަައި މުއްދަތު ހަމަވަނީ މި ވެނި ދުވަހެއްގައި ކަމަށް އާންމު އުސޫލުން އަންގާ ފަރާތަކީ މީރާ. އެއީ މީގެ ކުރީގައި ވޮޑަމުއްލާ މައްސަލައިގައި ވެސް، ދެން ހުރި މައްސަލައިގައި ވެސް ކަން ހިނގާ ގޮތް. އަދި މީރާއަކުންނެއް އެ ނޯޓިފިކޭޝަންއެއް އަޅުގަނޑުމެންގެ ލޯޔަރުންނާ ހަމައަކަށް ނޮފޮނުއްވާ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑަ ކުރެއްވި ކަން ސާބިތުވެ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އެ މައްސަލައިގެ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. ޔާމީންގެ މައްޗަށް ވ. ފުއްގިރި މައްސަލައިގައި އިއްވި ދައުވާތަކާ ގުޅޭ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.