ކޯވިޑް-19ގެ ވެކްސިން ރާއްޖގެެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފައިސާ ދެއްކީ އެކުވެރި ދައުލަތްތަކުންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވުމުން އެކަމުގައި މައްސަލައަކީ ކޮބައިތޯ ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަޙްމަދު ސަޢުދު ސުވާލު ކުރައްވައިފިއެވެ.
ކޯވިޑް ވެކްސިނަކީ ރައީސް ޞާލިހުގެ ހެޔޮފުޅުކަމުން ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ލިބޭ ވެކްސިނެއް ނޫންކަމަށާއި، އެއީ ޔޫރަޕިއަން ޔޫނިއަންއާއި، އެކުވެރި ޤައުމުތަކުގެ ދީލަތި އެހީއާއިއެކު ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭން ނިންމާފައިވާ ވެކްސިނެއް ކަމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ ކޯވިޑް ވެކްސިން ގަންނަން ޖެހިއްޖެނަމަ ވެކްސިން ގަންނަނާނެ ފައިސާއެއް މިގައުމުގެ ވަތްގަނޑަކު ނެތްކަމަށެވެ. މިއަދު ޤައުމުގެ މާލިއްޔާ ހުސްވެ، ރައްޔިތުން މަގުމަތިވެ ބިކަހާލުގައި ޖެހިފައިވާއިރު ސަރުކާރުން ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތްކަމަށެވެ. މިއަދު އެތައް ބަޔަކު މަގުމަތިވެ މީޑިޔާތަކުން އެކަންކަމުގެ ވާހަކަ ދެއްކުމުން ސަރުކާރުން އެފަދަ ފަރާތްތަކަށް އެހީވާގޮތްވެސް ފެންނަމުންދާކަމަށެވެ.
ކޯވިޑް-19 ވެކްސިން ދިވެހި ރައްޔިތުންނަށް ހިލޭ ފޯރުކޮށް ދެއްވާނެކަމަށް ރައީސް ޞާލިހު މިއަދު ވިދާޅުވެ ދެއްކެވި ވާހަކަތަކީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައި ހަގީގަތް ފޮރުވުމަށް ކުރެއްވި ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ. ވެކްސިން ތައްޔާރުވެ ރައްޔިތުންނަށް ދޭންޖެހޭ ހިސާބުން މިޤައުމަށް ވެކްސިން ހިލޭ ފޯރުކޮށްދޭނެކަމުގެ ޔަގީނަކަން ޔޫރަޕިއަން ޔޫނިއަނުންނާއި، އެކުވެރި ޤައުމުތަކުން ޔަގީންކަން ދެއްވުމުން ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުން ހިލޭ ވެކްސިން ދޭނެކަމަށް ވިދާޅުވުމަކީ ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުންކަމަށް ސައީދު ވިދާޅުވެފައިވެއެވެ.
ސަޢީދުގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަޙްމަދު ސަޢުދު ވަނީ، ކޮންމެ ބަޔަލު ފައިސާ ދިނަސް އެކަމުގައި މައްސަލައަކީ ކޮބައިތޯ ސަޢީދާއި ސުވާލުކުރައްވާފައެވެ. މިއަދު އޮތީ ރާއްޖެއިން ބޭރާއި ގުޅުން ރަނގަޅު ސަރުކާރެއްކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.
ހިލޭ ލިބުމަކީ ކުށެއްތޯ؟ ވަރު ތިޔަ އަރުވަނީ؟ މިފެންނަނީ ޢަބްދުﷲ ޝާހިދުގެ ޑިޕްލޮމަސީ، ފޮރިން ރިލޭޝަންސްއާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންތެރިކަން. ރައްޔިތުންނަށް ހިލޭ ވެކްސިން. އިންޝާﷲ.
-ޖޭޕީގެ ނާއިބު ރައީސް އަޙްމަދު ސަޢުދު
ސަޢުދު މިހެން ވިދާޅުވެފައިވާއިރު، ވިޑް-19 އާއި ދެކޮޅަށް ދުނިޔޭގެ އެކި ޤައުމުތަކުން ކުރައްވާ މަސައްކަތުގެ ތެރެއިން ކޯވިޑް ވެކްސިނެއް ހޯދުމަށް މިހާރު ކުރައްވާ މަސައްކަތުގައި ވެކްސިން ލިބުމާއިއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއްވެސް އަގަކާއި ނުލައި ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ