ރަނިންމޭޓަކު ކަނޑައަޅާފައި ނުވާ ކަމަށާއި ވަގުތު ޖެހުމުގެ ކުރިން އެކަން ވެސް ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރެން ނިންމީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައިފައެވެ. ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގަބޫލު ނުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، މާދަމާ މެންދުރު ފަހު އެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ އުންމީދަކީ ކެންޑިޑޭޓު ފޯމް ލޮޖް ކުރައްވަން ޖެހިވަޑައިނުގަތުން ކަމަށެވެ. އަދި އިންތިހާބު ބޭއްވީ އެ ފުރުސަތު ޔާމީނަށް ނުލިބިއްޖެ ނަމަ، ފޯމްލުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވާން ވެގެން ކަމަށެވެ.
"އެގޮތުން ކުށުގެ ރިކޯޑު ސާފުކޮށް ރަނިންމޭޓު ކަނޑައެޅުމާ މި ހުރިހާ ކަމެއް އިން ޓައިމް ކުރާނެ. އެއީ ތައްޔާރީ ހާލަތެއްގައި ތިބުމަށް އެ ހުރިހާ ކަމެއް ނިންމާނަން." ޔާމީންގެ ސަރުކާރުގައި އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.
ރަނިންމޭޓަކީ ކޮން ބޭފުޅެއްތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ރަނިންމޭޓެއް އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ.
"އުންމީދު ކުރަނީ އަދި އަޅުގަނޑު ވަރަށް ބޮޑަށް ޔަގީން ކުރަން ރައީސް ޔާމީނަށް ވާދަކުރެއްވޭނެ. އެ ފުރުސަތު ނުލިބިއްޖެ ނަމަ، ހަތެއް އޮގަސްޓްގައި އޮތް ޑެޑްލައިންގެ ކުރިން ހުށަހެޅުމަށް ވާން ޖެހޭ ތައްޔާރީތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން." މުއިއްޒު ވިދާޅުވިއެވެ.
ރަނިންމޭޓަކަށް އޭނާއާ ވާދަކުރެއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވާދަކުރައްވަފާނެތޯ ސުވާލު ކުރުމުން ހަމައެކަނި ވިދާޅުވީ "މިވަގުތު ދަންނަވާނީ މިވަރަށް" ކަމަށެވެ.
ޕީއެންސީގެ ސެނެޓްގައި ނެގި ވޯޓުގައި ރިޔާސީ ޓިކެޓު މުއިއްޒު ކަށަވަރު ކުރެއްވީ 25 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އާދަމް ޝަރީފަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.