އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީން ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނެރުމަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވުމަށް، ޕީޕީއެމްގެ ނައިބް ރައީސް ޑރ.މުހައްމަދު މުއިއްޒު އެޕާޓީން ވަކިވެ ޕީއެންސީއަށް އޮއި ކުރައްވައިފިއެވެ.
ޕީއެންސީން ބޭއްވި ސެނެޓުގެ ބައްދަލުވުމުގައި ނިންމަވާފައިވަނީ ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެނޑިޑޭޓަކު ނެރުމަށެވެ. ސެނެޓުގެ މިބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން ކެނޑިޑޭޓަކު ނެރުމަށް ތާއީދު ކުރެއްވީ 44 މެމްބަރުންނެވެ. މި ނިންމުމާއެކު ޕީއެންސީގެ ޓިކެޓަށް ވަދަކުރައްވަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާނެއެވެ. އަދި ވާދަކުރައްވާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު މިއަދު ހަވީރު 4 ޖަހާއިރު ކުރިއަށްދާނެއެވެ. މި އިންތިޚާބުގައި ލާނީ ސިއްރު ވޯޓެކެވެ.
އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލާފައިވަނީ މިއަދު 2 ޖެހުމާއި ހަމައަށެވެ. ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމެވީ ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި އިންތިޚާބުގައި ވާދަކޮށް، އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަކީ އެންމެ ބޮޑު މަގުސަދު ކަމަށެވެ.
ޕީއެންސީން ރިޔާސީ ކެނޑިޑޭޓަކަށް ވުމުގެ ޝައުގުވެރިކަން އެޕާޓީގެ ނައިބް ރައީސް އާދަމް ޝަރީފާއި، ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާޅުކުރައްވާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން، އެޕާޓީން ވަނީ އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ