އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ފޯމާއިމެދު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިއަދު ޖަވާބު ދެއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އީސީއަށް ހަވާލުކުރެއްވީ އިންތިހާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. އީސީގެ ފަރާތުން، ފޯމާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުއެވެ.
ފޯމާއި ހަވާލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރައީސް ޔާމީންގެ ފޯމާއިމެދު މެދު ކޮމިޝަނުން ޖަވާބު ދިނުމަށް 48 ގަޑިއިރު ލިބިގެންދާކަމަށެވެ. ނަމަވެސް ކޮމިޝަނުން ދެކޭ ގޮތުގައި އިިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރަކީ ރައީސް ޔާމީނަަށްވެފައި، ފޯމުގެ ޖަވާބު 24 ގަޑި އިރުގެ ތެރޭގައި ދޭން ނިންމާފައިވާކަމަށެވެ. އަދި މިއަދު 6 ގެ ކުރިން ޖަވާބެއް ދެއްވާނެކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ.
ހަބީބް ވިދާޅުވީ ޤާނޫނީ ގޮތުން ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅިތޯ ބަލައި ޖަވާބު މިއަދުން މިއަދަށްވެސް ދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ރައީސް ޔާމީނަކީ ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށްވުމުން އިލެކްޝަންގެ ނިންމުން 5 ދުވަހުގެތެރޭގައި ސްޕްރީމް ކޯޓަށް ހުށަހެޅޭނެކަމަށެވެ.
އަދި ސްޕްރީމް ކޯޓުން ނިންމާ ނިންމުން 7 ދުވަހުގެ ތެރޭގައި ކޮމިޝަނުން ނިންމާ ނިންމުމެއް ހާމަ ކުރައްވާނެކަމަށެވެ.
ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި، ޔާމީން ރިޝްވަތު ނަންގައި އެ ފައިސާ ލޯންޑަކުރެއްވި ކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހުގައެވެ.
ޔާމީނަށް އިއްވާފައިވާ ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އިސްތިއުނާފުގެ ޝަރީއަތް ފަށައި ހަތަރު އަޑުއެހުމެއް ބޭއްވިއެވެ. އީދު ބަންދުގެ ފަހުން ބޭއްވުނީ އެންމެ އަޑުއެހުމެކެވެ. އެ ފަހުން، ފަނޑިޔާރުންގެ ޗުއްޓީ އޮތް ގޮތުން ހައި ކޯޓުގައި އެ ޝަރީއަތް ވަނީ މަޑުޖެހިފައެވެ.
ޔާމީންގެ އިސްތިއުނާފީ ހައްގުތަކާއި އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް، އިސްތިއުނާފު ޝަރީއަތް ލަސް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު މަތިން ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. ދެ ފަހަރު ވެސް ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.
ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.