ފަސް އަހަރުގެ އިތުރު ދައުރެއް ލިބިވަޑައިގެންފި ނަމަ، އެ ދައުރު ނިމުމުން ލޯނުތައް ދެއްކުމުގެ ބުރަ ދެން އަންނަ ސަރުކާރަކުން ނަގަން ނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ށ. މިލަންދޫގައި ބޭއްވި ރައީސް ސޯލިހްގެ "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ އިގްތިސާދު 81 ބިލިއަން ރުފިޔާގައި ހުރިއިރު، އާމްދަނީ ހުރީ 22 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް މިއަހަރު ނިމޭއިރު އިގްތިސާދު 108 ބިލިއަނަށް އަރައި މިއަހަރުގެ އާމްދަނީ 34 ބިލިއަނަށް އަރާނެ ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރު 2.5 މިލިއަނެއްހާ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭއިރު، އިގްތިސާދު 130 ބިލިއަނަށް އަރައި، އާމްދަނީ 44 ބިލިއަނަށް އަރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 177 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭއިރު، އާމްދަނީ 45 މިލިއަން ހުރަސްކޮށް 50 މިލިއަން ރުފިޔާއަށް އަމާޒު ހިފާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުގެ ދެވަނަ ދައުރު އިރާދަކުރެއްވިއްޔާ ނިމިގެންދާނީ މި ދެންނެވި ލޯން ދައްކަން އޮތް ބުރަ ދެން އަންނަ ސަރުކާރަކަށް ނުޖެހޭ ގޮތަށް އެކަން ވެސް ހަމައަކަށް އަޅުވާފައި.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާ މަޝްރޫއުތައް ނިމުމުން އިގްތިސާދު ދެގުނަ ވެގެންދާނެއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތަސައްވުރަކީ އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިގްތިސާދީ ބޮޑު ބަދަލު އަންނަ އެންމެ ބޮޑު އެއް ކަމަކީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް އަންނަ އަހަރު ނިމުމާ އެކު، ހަތް މިލިއަން ފަސެންޖަރުންނަށް ކޭޓާ ކުރެވޭނެ ކަމަށާއި އަންނަ އަހަރު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވުމުންނާއި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރެވުމުން ދެ އެއާޕޯޓަށް ތިން މިލިއަން ފަތުރުވެރިން ކޭޓާ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ލޯން ނަގައިގެން ކުރާ މަސައްކަތަކީ އެއީ. 2026 ވަނަ އަހަރުގެ ފަހުން ދިވެހި ދައުލަތުގައި ހުންނާނެ ފައިސާ.
– ރައީސް ވިދާޅުވިއެވެ.