އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުން ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެއްޖެއެވެ.
ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވީ އިއްޔެ ހެނދުނު ސްރީލަންކާގައެވެ. ޖަނާޒާ ބާއްވަފައިވަނީ ރޭ އިޝާނަމާދަށްފަހު ލަންކާގައެވެ. ޖަނާޒާގައި ބައިވެރިވުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނޭ އިސްބޭފުޅުން ވަނީ ލަންކާއަށް ވަޑައިގެންފައެވެ.
ޖަނާޒާއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި، އަބްދުއްރަހީމާއި، ލީޑަރޝިޕްގައި ހިމެނޭ ޑރ.މުއިއްޒުއާއި، މެމްބަރު ޝިޔާމް، މެމްބަރު ސައީދު، މެމްބަރު އާދަމް ޝަރީފް، ކައުންސިލަރު ޝުޖާވެސް ވަނީ ޖަނާޒާގައި ބައިވެރިވެ ވަޑަައިގެންފައެވެ.
ރައީސް ޔާމީންގެ ވަކީލް ސިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ރައީސް ޔާމީން އެންމެ ބޭނުންފުޅުވެ ވަޑައިގެންނެވީ ޝަރީޢަތުގެ މަރުޙަލާތައް އަވަހަށް ނިމި، ޖަލު ހުކުމުން މިންޖުވެވަޑައިގެން، މަންމާފުޅުގެ އަރިހަށް ޒިޔާރަތްކޮށް ބައްދަލު ކޮށްލެވޭނެ ގޮތެއްވުން ކަމަށެވެ.
އެހެންނަމަވެސް، ޝަރުޢީ ނިޒާމުގައި ހުރި ލަސްކަމުގެ ސަބަބުން މަންމާފުޅު އަވަހާރަ ވީއިރުވެސް އެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައި ނުގެންނެވިކަމަށް ސިޔާޒް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓުން ދެމަހެއްހައި ދުވަސް ތެރޭގައި ނިމޭނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް އެމައްސަލަ ބައްލަވާ ދެފަނޑިޔާރެއްގެ ޗުއްޓީގެ ސަބަބުން މައްސަލަ ކުރިއަށް ގެންދަން ވަނީ ހުރަސް އެޅިފަައެވެ. މައްސަލަ ތާވަލް ނުކުރާތާ މިހާރު ދެހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އަދިވެސް މައްސަލަ ތާވަލް ކުރާނެ ދުވަހެއް ހައިކޯޓުން ސާފުކޮށެއް ނުދެއެވެ.
ކޮމެންޓު ފޮނުވާ