އީސީގެ މެމްބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ

އީސީގެ މެމްބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ

Author
މުޙައްމަދު ޝަޒައިމް
25 ޖުލައި 2023 03:03
0

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ ނަޝާތުގެ މެމްބަރުކަމުގެ ދައުރު ހަމަވެއްޖެއެވެ.

ނަޝާތުގެ ފަސް އަހަރުގެ ދައުރު ހަމަވެފައިވަނީ ރޭ 12:00 އަށެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ނަޝާތު އައްޔަނުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ ކުރީގެ ރައީސީ ޔާމީންގެ ވެރިކަމުގައެވެ. އީސީގެ މެންބަރުކަމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އެކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

ނަޝާތުގެ ދައުރު ހަމަވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ، ނަޝާތު އިތުރު ދައުރަކަށް އީސީއަށް އައްޔަން ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައެވެ. ނަޝާތުގެ ދައުރު ހަމަވުމުގެ ކުރިން އީސީގެ މެންބަރަކު އައްޔަން ކުރަން ކުރި އިއުލާނަށް އިޖާބަދިން ފަރާތްތަކުގެ ނަންތައް، މެއި މަހުގެ 29 ވަނަ ދުވަހު ރައީސް ޞާލިޙް ވަނީ މަޖިލީހަށް ފޮނުވާފައެވެ. އެނަންފުޅުތަކުގެ ތެރެއިން ރައީސް ސޯލިހް ރެކޮމެންޑް ކުރާ ނަމެއްގެ ގޮތުގައި އޮތީ ނަޝާތުގެ ނަމެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުންނެވެ. އެހެންނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓި، ޗުއްޓީއަށް ދިޔައިރު ވެސް އެ މަސައްކަތް ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. އީސީގެ މެމްބަރު ނަޝާތުގެ ދައުރު ހަމަވެފައިވާއިރު، އޭނާވެސް ހިމެނޭހެން އިލެކްޝަންސް ކޮމިޝަނުގެ ތިން މެމްބަރަކު ވަނީ އެ ކޮމިޝަންގެ ރައީސް، ފުވާދު ތައުފީގުގެ އިތުބާރުނެތްކަމަށް ވޯޓުދީފައެވެ. އެހެންނަމަވެސް މިއީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ، އެއްވެސް ނަތީޖާއެއް ނުކުންނާނެ ވޯޓެއް ނޫނެވެ.

އެ ތިން މެންބަރުން ވަނީ ފުއާދު ޖަލްސާތަކުގައި ބައިވެރިވާނަމަ، ޖަލްސާތަކަށް ހާޒިރު ނުވާނެ ކަމަށް ބުނެފައެވެ. އެހެންކަމުން، މިހާރު ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވަނީ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.