ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނުނިމި އޮތުމުން އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެވަނަ މައްސަލަ ވެސް އެ ކޯޓުން މިއަދު ބަލައިނުގަތުމަށް ނިންމައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ހުށަހެޅި ދުސްތޫރީ މައްސަލަ ކޯޓުގައި ރަޖިސްޓްރީ ނުކުރުމަށް ރަޖިސްޓާ ވަނީ މިދިޔަ އާދީއްތަ ދުވަހު ނިންމައިފައެވެ. މިއަދު މެންދުރުފަހު މުޅިން އާ މައްސަލައެއް ޔާމީންގެ ފަރާތުން ހުށަހެޅިއިރު އޭގެ ދެގަޑިއިރެއްހާ އިރު ފަހުން މައްސަލަ ބޭރުކޮށްލަން ނިންމި ކަން ސުޕްރީމް ކޯޓުން ވަނީ ޔަގީންކޮށްދީފައެވެ.
ޔާމީންގެ ފަރާތްޕުޅުން މިއަދު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެއީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސްގެ ތެރޭގައި ހިމެނޭ، ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ފަދަ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައިވެއެވެ.
ރަޖިސްޓްރާ އެގޮތަށް ނިންމެވިޔަސް، އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަންނަވާނެއެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް އެ ކޯޓުން ކަނޑައެޅުމަށް ފަހުގައެވެ.
އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި މިދިޔަ މަހުގެ ތެރޭގައި ފެށި ނަމަވެސް، އީދު ބަންދަށް ފަހު ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ. ފުރަތަމަ ބެންޗުގައި ހިމެނޭ ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއިލީ ޒިންމާއެއްގައި ޗުއްޓީގައި ހުންނެވިއިރު، މިހާރު ފަނޑިޔާރު މުހައްމަދު ސަލީމް ހުންނެވީ ޗުއްޓީގައެވެ.
އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ގެންދެ އެވެ. ކްރިކް ރިޒާގެ ބައި ގެންގޮސް، މިހާރު ކުރިއަށް ދަނީ ޔާމީނާއި ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ބައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކައިރިކައިރީގައި ބާއްވަމުން އެބަ ގެންދެއެވެ. ޕީޕީއެމް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ.
ކޮމެންޓު ފޮނުވާ