ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް، މާދަމާ އިލެކްޝަންސް ކޮމިޝަނަށް ފޯމު ލުމަށް މިހާރު ތައްޔާރު ވެފައިވާ އިދިކޮޅު ކެނޑިޑޭޓް، ކުރީގެ ރައީސް ޔާމިންގެ ރަނިން މޭޓަކަށް މޫސާ ޒަމީރު ހަމަޖެއްސެވުމަށް ރައީސް ޔާމިން ނިންމަވާފައިވާކަމަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
"ޚަބަރު އޮންލައިން"އަށް ވަރަށް މުޢުތަބައްރު ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މޫސާ ޒަމީރު ރައީސް ޔާމިންގެ ރަނިން މޭޓަކަށް ހަމަޖެއްސުމަށްޓާކާ ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ޕީޕީއެމްގެ ލީޑަރޝިޕުން މިހާދަނީ ކުރިޔަށް ގެންދަމުންނެވެ. އެހެންނަމަވެސް، ރަނިން މޭޓަކަށް އައްސާން މައުމޫން ހަމަޖެއްސުމަށްވެސް ޕީޕިއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ޑިމާންޑް ކުރަމުންދާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މިގޮތުން ރަނިން މޭޓަކާމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ޕީޕީއެމްގެ ލީޑަރޝިޕްގެ މެދުގައި ނަގާ ވޯޓަކަށްފަހު ރައީސް ޔާމިންގެ ރަނިން މޭޓަކަށް އައްސާން މައުމޫން އައުމަކީވެސް އެކަށީގެން ކަމެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މުސާ ޒަމީރަކީ، ކުރިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރެއްވުމަށްފަހު، ރައީސް ޔާމިންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ އޭގެ މާކުރިންވެސް، ރައީސް ޔާމިން އެންމެ ފުރަތަމަ ޕީއޭ (ޕީޕަލްސް އެލަޔަންސް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވި އިރުވެސް އެޕާޓީގައި ރައީސް ޔާމިން އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެހެންނަމަވެސް ރައީސް ޔާމިންގެ ވެރިކަން ނިމިދިއުމަށް ފަހު މޫސާ ޒަމީރު ސިޔާސީ މަސައްކަތުން ފެނިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މުސާ ޒަމީރު ރާއްޖެ ވަޑައިގެންފައިވަނީ ދާދި ފަހުންނެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޔާމީން ސޮއިކުރައްވާފައިވާ ކެންޑިޑެސީ ފޯމު ފުރިހަމަ ކުރުމަށް ފަހު، ޕީޕީއެމްގެ ސެކްރެޓޭރިއަޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދުވަނީ ހަވާލު ކޮށްފައެވެ.
މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ޔާމީން ރައީސްކަމަށް ވާދަކުރައްވާ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން އަންނަނީ ކުރަމުންނެވެ. އެމަނިކުފާނަށް އިއްވާފައިވާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ހުކުމާ ހެދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތެއް އުނިވެފައި ވިޔަސް ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ވާދަކުރެއްވޭނެ ކަަމަށް ޕީޕީއެމުން ބުނެއެވެ.
ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެއެވެ.
ރައީސް ޔާމިންގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ފޯމު ލިބުމުންނެވެ. ގާނޫނު ބުނާ ގޮތުން ފޯމު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހެއެވެ.
ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފައެވެ. އެހެންވިޔަސް ސުޕްރީމް ކޯޓާ ހިސާބުން އެމަނިކުފާނަށް ކާމިޔާބު ލިބޭނެ ކަަމަށް ޕީޕީއެމުން ބުނެއެވެ.
ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދޭން އެދި ވަކީލުން ސުޕްރީމް ކޯޓަށް އާދީއްތަދުވަހުގެ ރޭ ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން އިއްޔެ ވަނީ ނިންމައިފައެވެ. އެހެންވިޔަސް ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން ނެތް ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
4 Responses
ދޮގު
ގައްސާނަކީ ޔާމީނުދެކެ.ވ.ލޯބިވާރަގަޅުބޭފުޅެއްހެންހީވަނީ އާއިލާޔާއިދިކޮޅައް ޔާމީނާއެކު ކިހާދުވަހަކު އެއުޅެނީ އެއީ ވ.ރަގަޅުބޭފުޅެއް.ކަމަޒްދެކެނީ ޔާމީނާހެދިއެއްވެސްވަރަކަށްނޫޅޭބޭފުޅެއް ހަމަޖައްސަނީކީވެބަ
ޢާއިލާ މީހުންބޮލުގަ ކޮޅުފައިންޖާހާނީ ވަރަށް ރަގަޅުވީމަ
ޢާއިލާ މީހުންބޮލުގަ ކޮޅުފައިންޖާހާނީ ވަރަށް ރަގަޅުވީމަ