ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުންނަށް އޮޅުވާލައި ދުވަލަކު ގޮތަކަށް ވާހަކަ ދައްކަވާނެ ރައީސެއް ނޫންކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ރޭ ހައުސް އޮފް ޑީމޮކްރެޓްސްގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިހަށް މަލާމާތް ކުރައްވައި، ހަޖޫ ޖައްސަވައި ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހަކީ ކޮންމެ ދުވަހަކު ބޭސް ކާންޖެހޭ ބަލި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޞާލިހު ވަނީ ވެފައިވާ ވައުދުތަކުގެ މަތީން ހަދާން ނެތި މުޅިން އެހެންކަމަކަށް ގޮސް ހުސްވެފައި ކަމަށެވެ.
ނަޝީދުގެ ވާހަކަ ތަކަށް ރައްދު ދެއްވައި އަލީ ޒާހިރު ވިދާޅުވީ ރައީސް ޞާލިހަކީ ދުވާލަކު ގޮތަކަށް ވާހަކަ ދައްކަވާނެ ބޭފުޅެއްނޫންކަމަށެވެ. ރައީސް ޞާލިހަކީ ކަންކަމުގައި ކެތްތެރި ކަމާއިއެކު މަސައްކަތް ކުރައްވާ ރައީސެއްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ކެނޑިޑޭޓް ދުވާލަކު ގޮތަކަށް ވާހަކައެއް ނުދައްކަވާނެ. ހަލުވިމަހެއް އުޅޭހެން އަވަސް އަވަހަށް ހަދާނެ ނަހަދާނެއް ނޭނގިގެން ނޫޅުއްވާނެ. ރައްޔިތުންނަށް އޮޅުވާލަން ޚިޔާލީ ވަޢުދުތަކާ ހުސް އުންމީދުތަކެއް ނުދެއްވާނެ.
– އަލީ ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިހާއި އެހެން ސިޔާސީ ވެރިންނާއި ހުރި ތަފާތަކީ ރައީސް ޞާލިހަކީ ވައުދެއް ވުމަށްފަހު އެވައުދުން ރެކެން އުޅުއްވާނެ ބޭފުޅެއް ނޫންކަމަށެވެ. ފުޓްސަލް ދަނޑާއި، ކުޅިވަރު ވަސީލަތްތަކާއި، ސްކޫލު އިމާރާތްކާއި، މަގު ހެދުމާއި، ބަނދަރާއި ފެނާއި ނަރުދަމާގެ ކަންކަމަކީ އެހެން ބޭފުޅަކު ދެން ކޮށްދޭންޖެހޭ ކަމެއް ނޫންކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.
ފުޓްސަލް ދަނޑާ މަލްޓިޕާޕަސް ހޯލްގެ ވާހަކަ ފްލެޓް އަޅައިދޭން ރައްރަށުގަ ބައެއް ފެއިލްވެފއަިވާ ސިޔާސީ ބޭފުޅުން ދެއްކެވިހެން ނުދައްކަވާނެ. ފުޓްސަލް ދަނޑާ މަލްޓިޕާޕޯސް ހޯލު ހުންނާނީ އަޅާފަ. އަދި ކޮބާ ޒުވާންކަން ދައްކަން އިސްތަށިފުޅުގަ ކުލައްވެސް ނުޖައްސަވާނެ. އެތެރެއާ ބޭރު އެއްގޮތްވާނެ. ޑިމޮކްރަސީ ހަޖަމް ކުރައްވާ.
– އަލީ ޒައިދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ރޭ ވިދާޅުވީ ރައީސް ޞާލިހަކީ މިހާރު ވެރިކަން ކުރެއްވުމަށް މާ މުސްކުޅިވެސް ބޭފުޅެއް ކަމަށެވެ. އަދި އެޕާޓީން ނެރުއްވާފައިވާ ކެނޑިޑޭޓް އިލްޔާސް ލަބީބް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.