ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 16 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.
މިފަހަރު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރެއިން 8 ކެނޑިޑޭޓުންނަކީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެއެވެ. އަދި އެމްޑީޕީގެ 6 ކެނޑިޑޭޓުންނާއި، ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްވެސް ނަން އަނބުރާ ގެންގޮސްފައިވާކަމަށް އީސީން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ 10 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ 6 ކެނޑިޑޭޓުންނެވެ.
އެހެންކަމުން ނަން އަނބުރާ ގެންދިޔަ 16 ކެނޑިޑޭޓުންނާއެކު ކައުންސިލް އިންތިޚާބުގައި ވާދަކުރާ 99 ކެނޑިޑޭޓަކު މިހާރުވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާރު ކައުންސިލް އިންތިޚާބުގައި ވާދަކުރާނީ 2،297 ކެނޑިޑޭޓުންކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާނީ 1،779 ކެނޑިޑޭޓުންނެވެ.
ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން ނިންމާފައިވާއިރު، އިންތިޚާބުތަކާއި ބެހޭ ވަގުތީ ޤާނޫނުގައި ވަނީ ނަން އަނބުރާ ގެންދަން ބޭނުންވާ ކެނޑިޑޭޓުންނަށް އެފުރުޞާތު ދޭންޖެހޭނެކަމަށެވެ. ނަމަވެސް އިންތިޚާބުގެ ކުރިން އަލުން ފުރުޞަތު ހުޅުވައެއް ނުލެވޭނެކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ