އިގިރޭސި ރާނީ، ކުއީން އެލިޒަބަތު ލޯބިން ގެންގުޅުއްވަމުން އައި ކުއްތާތަކުގެ ތެރެއިން ވަލްކަން ނަމަކަށް ކިޔާ ކުއްތާ މަރުވެއްޖެ ކަމަށް އިގިރޭސީން ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.
ވަލްކަންގެ ނަމުން ނަންދީފައިވާ، ކުއީން އެލިޒަބަތަށް ޚާއްސަ މިކުއްތާ މަރުވެފައިވަނީ، އިގިރޭސި ޝާހީ ގަޑުވަރު ވިންޑްސާ ކާސްލްގައެވެ. މިކުއްތާ މަރުވުމާއެކު، އިގިރޭސި ޝާހީ ރަސްކަމުގައި މިވަގުތު ގެންގުޅެމުން އަންނަނީ، މިހާތަނަށް މަރުނުވެ ދުނިޔޭގައޮތް، ޝާހީ އާއިލާއަށް ނިސްބަތްވާ ހަމަ އެކަނި ކުއްތާ ކަމުގައިވާ ކޭންޑީ ނަމަކަށް ކިޔާ ކުއްތާއެވެ.
ޝާހީ ގަޑުވަރުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ކުއްތާގެ ވަކިވެދިއުމަކީ، ރާނީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއް ކަމުގައެވެ.
2018 ވަނަ އަހަރު ވަނީ، ރާނީއަށް އެންމެ ފުރަތަމަ ލިބި ވަޑައިގެންނެވި، ކުއްތާ ސޫޒަންގެ ދަރިފަސްކޮޅުން އެންމެ ފަހަށް ދުނިޔޭގައި އޮތް ކުއްތާ ކަމުގައިވާ ވިލޯވް މަރުވެފައެވެ. ރާނީއަށް އެންމެ ފުރަތަމަ ކުއްތާއެއް ލިބިވަޑައިގެންނެވީ، އެކަމަނާގެ 18 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން 1944 ވަނަ އަހަރުއެވެ.
ބުނެވޭ ގޮތުގައި، ސޫޒަން ކުއްތާއާއި ރާނީ ޚާއްސަ ގާތްކަމެއް ބޭއްވެވިއެވެ. އަދި އެކުއްތާ ދެކެ ވެވަޑައިގެންނެވި ލޯތްބެއްގެ ބޮޑުކަމުން، ރާނީއާއި ޕްރިންސް ފިލިޕް ކައިވެނި ބައްލަވައި ގެންނެވުމަށްފަހު 1947 ވަނަ އަހަރު ހަނީމޫނަށް ވަޑައިގެންނެވިއިރު ވަޑައިގެންނެވީ ސޫޒަން ކުއްތާ ގޮވައިގެންނެވެ،
ރާނީއެކޭ އެއްފަދައިން ރާނީ ގެންގުޅުއްވާ ކުއްތާތަކަކީވެސް، އެތައްބައެއްގެ ސަމާލުކަން ހުއްޓިވާ އެއްޗެކެވެ. މިގޮތުން ޔޫކޭގެ މަޝްހޫރު މަޖައްލާއެއް ކަމުގައިވާ، ވެނިޓީ ފެއަރގެ ކަވަ ޕޭޖުގައި 2016 ވަނަ އަހަރު ވަނީ، ރާނީއާއެކު ރާނީގެ ޝާހީ 4 ކުއްތާގެ ފޮޓޯ ޝާއިއު ކޮށްފައެވެ.
ރާނީ ވަނީ އެކަމަނާގެ ޝާހީ އެއް ކުއްތާ ކަމުގައިވާ ވިލޯވްއާއެކު، ޖޭމްސް ބޮންޑު ފިލްމުގެ އެކްޓަރ ޑެނިއަލް ކްރެއިގް އާއެކީ ހުންނަ ކުރެހުމެއްގައި، 2012 ވަނަ އަހަރު ލަންޑަނުގައި ބޭއްވުނު އޮލިމްޕިކް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ރާނީއަކީ، އަހަށްވެސް ވަރަށް ލޯބި ކުރައްވާ، އަދި އަސް ދުއްވުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަވާކަމަށް މަޝްހޫރު ބޭކަބަލެކެވެ.
ކޯވިޑް19ގެ ލޮކްޑައުން އަށްފަހު، އެންމެ ފުރަތަމައަށް ރާނީ އާންމުނަށް ފެނިފައިވަނީވެސް، ޝާހީ ގަޑުވަރުގައި އޮންނަ ޕާކުގައި އަސް ދުއްވަން އިންނަވަނިކޮށެވެ.
އުމުރުން 94 އަހަރުގެ ރާނީ އަސްދުއްވާފައިވަނީ، ފެހި ޖެކްޓެއް ތުރުކުރައްވައިގެން، އަދި ކުލަދަ ގަދަ ސްކާފެއް އަޅުއްވައިގެން އިންނަވާ ޝާހީ ގަޑުވަރުގެ ވަށައިގެން އޮން އަމިއްލަފުޅު ޕާކުގެ ތެރޭގައެވެ.