ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ތެލަސީމިއާ ސެންޓަރު ޢިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު މެންދުރުފަހު ހުޅުމާލެއަށް ވަޑައިގަންނަވާ، ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވުމުގައި ކަމާގުޅުން ހުރި ފަރާތްތަކާއި އެކު ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެ މަނިކުފާނު ހުޅުމާލެއަށް ވަޑައިގެން ވަނީ ތެލެސީމިއާ ސެންޓަރު ބިނާކުރަން ހަމަޖެހިފައިވާ ސަރަޙައްދާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ބަސް ސްޓޭންޑް ހުންނަ ސަރަޙައްދާއި، އައު ޕާކުކުރާ ތަންތަން ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި، އެ ބޭފުޅުން ވަނީ މަޝްރޫޢުތައް ކުރިއަށްދާ ގޮތުގައި މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ.
މި ގޮތުން، ސެންޓްރަލް ޕާކުގައި ކުރަމުންދާ މަސައްކަތްތައް އަންނަ މަހު ނިންމައިލެވޭނެ ކަމަށާއި، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ތެލަސީމިއާ ސެންޓަރު ޢިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމުގައި އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދެންނެވިއެވެ. ތެލެސީމިއާ ކުދިންނަށް ދިމަވަ މައްސަލަތައް ހައްލުކޮށް، ތެލެސީމިއާ ސެންޓަރަކީ އެކުދިންގެ އަމިއްލަވަންތަކަމުގެ އިހްސާސް ލިބިދޭ ތަނަކަށް ބަދަލުކުރާނެކަމަށް ހެލްތު މިނިސްޓަރވެސް ކުރިން ވަނީ ވިދާޅުވެފައެވެ.
ތެެސީމިއާ ސެންޓަރުން ޚިދުމަތް ހޯދުމުގައި އެކުންދިންނަށް ބޮޑެތި ދަތިތަކެއް ހުންނަކަމަށާއި، އެކުދިންގެ ހާލަތަށް ފަރުވާއެއް ނުބަހައްޓާކަމުގެ ކަންބޮޑުވުންތަކެއް ތެލެސީމިއާ ކުދިން ދަނީ ފާޅުކުރަމުންނެވެ. ތެލަސީމިއާ ކުދިންގެ ޝަކުވާއަކީ އެ މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިގުލައިގެން ގޮސް، ދުވަހެއް ދުވަހަކަށް ހާލަތު ގޯސްވުމެވެ. ނަމަވެސް މި މައްސަލަތަކަށް ހައްލެއް ހޯދަން އިދާރާތަކުގައި އެކުދިންނާއި އާއިލާތައް އާދޭސް ކުރާތާ އެތައްދުވަހެއް ވެފައިވާކަމަށް ތެލެސީމިއާ ކުދިން ބުނެފައިވެއެވެ.
ތެލަސީމިއާ ކުދިން މުހިންމު އެތަށް ފަރުވާތަކަކާއި ރަނގަޅު ބޭސްފަރުވާއަކުން މަހުރޫމުވެ، އެތަށް ފުރާނަތަކެއް ގެއްލި އަދި ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށްވެސް އެކުދިންގެ އާއިލާތަކުން ބުނެއެވެ.
ކޮމެންޓު ފޮނުވާ