ޒުވާނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ޒުވާނުން ބޭނުންވާ ކަންކަން ކޮށްދެވޭނީ ހިންގުމުގެ ތަޖުރިބާ ހުރި ވެރިއަކު ޤައުމުގެ ރައީސްކަމަށް އިސްކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން "35-18″ ގެ ނަމުގައި ޖޭޕީން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އިވެންޓުގައި ބައިވެރިވި ޒުވާނުންނަށް ޝުކުރު އަދާކޮށް ޤާސިމް ވިދާޅުވީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރެވޭނީ ޒުވާނުންނަށް ކަމަށެވެ.
ޒުވާނުންނަށް މިއަދު ދިމާވެފައިވާ ދަތިތަކާއި، ގޮންޖެހުންތަކުން ހައްލު ގެނެވޭނީ ހިންގުމުގެ ތަޖުރިބާ ހުރި ޤާބިލް މީހަކު ޤައުމުގެ ވެރިކަމަށް އިސްކުރެވިގެން ކަމަށް ޤާސިމް ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް، ޒުވާނުންގެ ވޯޓުވެސް ނުހަނު ބޭނުންވޭ. 18-35 އަހަރާއި ދެމެދުގެ ޒުވަނުންނަށް މާލޭގަ ޖޭޕީން ބޭއްވި ބައްދަލުވުމުގެ އެންމެހާ މެމްބަރުންނަށް ޝުކުރު ދަންނަވަން. ޒުވާނުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކުން އަރައި ގަނެވޭނީ ހިންގުމުގެ ތަޖުރިބާ ހުރި ވެރިއަކު ޤައުމުގެ ރައީސްކަމަށް އިސް ވެގެން.
– ޤާސިމް ވިދާޅުވިއެވެ.
ގާސިމް އެރޭ ޒުވާނުންނަށް ދިން މެސެޖުގައި ވިދާޅުވީ ޖޭޕީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، އެ ޕާޓީގެ ވެރިކަމެއްގައި ވަޒީފާ އަދާ ކުރަން ކެރޭ ހުރިހާ އެންމެންނަށް ވެސް ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ޒުވާނުންނަށް ވަޒީފާ އަދާކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެކަމުގެ ހުނަރު ހުރި ބޭފުޅުންނަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނަން.
– ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ތައުލީމީ ގޮތުން ރަނގަޅު ގާބިލް ކުއްޖަކަށް ހެދުމަށްޓަކައި ހުރިހާ ކުދިންނަށް ވެސް ވަކި ފަރުދެއް ނެތި އެންމެން ޝާމިލްވާ ގޮތަށް ރާއްޖެ އިންނާއި ރާއްޖެ އިން ބޭރުން ތައުލީމް ހާސިލް ކުރުމުގެ ހުރިހާ ފުރުސަތެއް ތަނަވަސްކޮށް ދެއްވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ