ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މިހާރުގެ ނައިބް ރައީސް ފައިސަލް ނަސީމަކީ ތެދުވެރި، އިތުބާރު ކުރެވޭ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު މިހެން ވިދާޅުވީ ރޭ ނެރުއްވި ފައިސަލްގެ ބަޔޮގްރަފީ ފޮތަށް އެ މަނިކުފާނު ދެއްވި އިންޓަވިއުއެއްގައެވެ. މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން މިހާތަނަށް ފަސް އަހަރު ދުވަހު ނައިބް ރައީސް ކަމުގެ މަޤާމު ފުރުއްވި ހަމައެކަނި ބޭފުޅަކީވެސް ފައިސަލް ނަސީމެވެ. ފައިސަލް ނަސީމާއިގުޅޭގޮތުން ރައީސް ޞާލިހު ވިދާޅުވެފައިވަނީ، ފައިސަލަކީ މީހަކު ބުނާހާ ގޮތަކަށް ކަންކަން ނިންމަވާ ބޭފުޅެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އަމިއްލަ ވިސްނުންފުޅަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު އަދި އެންމެ މަޞްލަޙަތު ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް ގޮތުގައި އެ މަނިކުފާނު ވަނީ ފައިޞަލް ސިފަ ކުރައްވައިފައެވެ.
ޙަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ކުރައްވާނެ. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް. ރަޙުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ރަނގަޅު އެކުވެރިއެއް. އަދި އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެވޭ ބޭފުޅެއް.
– ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ޞާލިހު މިހެން ވިދާޅުވެފައިވާއިރު، ފައިސަލް ނަސީމްވަނީ ކުރިއަށް އޮތް ރިޔާސީ ދައުރަށްވެސް ރައީސް ޞާލިހާއިއެކު ރަނިން މޭޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. ނަމަވެސް މިހާތަނަށް ރައީސް ޞާލިހުގެ ރަނިން މޭޓަކަށް ކަނޑައަޅުއްވާ ބޭފުޅަކު ނިންމަވާފައި ނުވެއެވެ.
މ. އަތޮޅާއި ވ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވައި ވ. ފުލިދޫގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަނިންމޭޓުގެ ކަންތައްތަކުގައި އެމްޑީޕީގެ އިސް ބޭފުޅުންނާ ވަކިވަކިން ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި "ކޮންމެ ދުވަހަކު، ކޮންމެ ރެއަކު" ކަހަލަ ގޮތަކަށް އެބޭފުޅުންގެ ވިސްނުން ހޯއްދަވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެހާސްއަށާރަ ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ މެމްބަރެއްގެ ގޮތުގައި ހުންނެވި ފައިސަލް ނަސީމް އާއެކު ނުކުންނަވައިގެންނެވެ. މިފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަން ނުހަދައި ވަކިން ވާދަކުރަން ނިންމައިފައެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައަޅާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
ރައީސްގެ ރަނިންމޭޓަކު ކަނޑަނޭޅި ނަމަވެސް ނައިބު ރައީސް ފައިސަލް ވަނީ ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.
One Response
ތިހެންބުނާކަށް ނުކެރޭނެ ޔާގުނންޑްއަކަށް
ކާނަލް ނާޒިމް މިނިސްޓްރީތައް ހިންގަވަން ފެއްޓެވީމަ ނާޒިމްއަށް ސަޕޯޓް ލިބުނީމަ ވަގުތުން ފްރޭމް ކޮއްލީ
ޖަމީލް ބޭރުކުރަން ވެގެން ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓްނަގަން ނިންމީ
އަދީބު ބޭރުކުރަންވެގެން އޭނަގެ ބޮލުގަ އިލްޒާމް އެޅުވީ