ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ޑޮކްޓަރޭޓް ޑިގްރީ ހާސިލް ކުރައްވައިފިއެވެ.
އަމީން އިބްރާހީމް ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. އަމީން ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރެއްވީ ޔުނިވަރސިޓީ އޮފް ވޭލްސް ޓްރިނިޓީ އެންޑް ސެއިންޓް ޑޭވިޑް އިންނެވެ. އަމީން އިބްރާހިމް ޕީއެޗްޑީގެ ތީސިސް ލިޔެފައިވަނީ ރާއްޖޭގެ ރިޒޯޓްތައް ފައިދާ ހުރިގޮތުގައި ހިންގުމަށާއި ރިޒޯޓު މުވައްޒަފުންގެ އިންޓްރާޕްރެނިއަރޝިޕް ހުނަރު ތަރައްގީކުރުމަށް އެންމެ އިފެކްޓިވް ލީޑަރޝިޕް ސްޓައިލަކީ ކޮބާތޯ މަޢުޟޫއަށެވެ.
އަމީން އިބްރާހިމް ރިސާޗް ހެއްދެވީ ރާއްޖޭގެ ރިޒޯޓްތަކުން ސާމްޕަލް ނަގައިގެންނެވެ. އަމީންއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.
ޑރ. އަމީން ކުރިން ވަނީ މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީން މެނޭޖްމަންޓް ރޮނގުން މާސްޓާޒް ހާސިލް ކުރައްވާފައެވެ. އަދި އޮސްޓްރޭލިއާ އިންވެސް ވަނީ ހަމަ އެ ރޮނގުން ކިޔަވާ ވިދާޅުވެފައެވެ.
ޑރ. އަމީން އިބްރާހީމްއަކީ ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ ޕާޓީއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ، ގާސިމް އިބްރާހީމްއަށް އިޚްލާސްތެރި ބޭފުޅެކެވެ. އަމީނަކީ ޖޭޕީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރެއިން އެންމެ އިސް އެއް ޑެޕިއުޓީ ލީޑަރެވެ. އަދި އޭނާއަކީ ގާސިމްގެ އުތުރު ކެމްޕެއިން މެނޭޖަރު ކަން ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އަމީން ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރައްވައިފައެވެ. އަމީން ވަނީ ބައެއް ވުޒާރާތަކުގައި ވެސް މަސައްކަތް ކުރައްވައިފައެވެ. އޭގެ ތެރޭގައި ޖެންޑަ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ހިމެނެއެވެ. ވީޓީވީގެ ވެރިއަކަށް ވެސް މަސައްކަތް ކުރެއްވި އަމީން ވަނީ އެމްޓީސީސީ ބޯޑު ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ