މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ (އެމްޑީ) ގެ މަގާމުގައި ހުންނެވި މައުރޫފް އަހްމަދު (މާއްޓޭ) އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ޕްރައިވަޓަޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑަށް ފޮނުއްވި ސިޓީ ވަނީ އާންމުވެފައެވެ. އެ ސިޓީގައި މާއްޓޭ ވިދާޅުވެފައިވަނީ މިއަދުން ފެށިގެން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމުން އިސްތިއުފާ ދެއްވައިފިން ކަމަށެވެ. އެހެންނަމަވެސް ސަބަބެއް ހާމައެއް ނުކުރައްވައެވެ.
މާއްޓޭގެ ސިޓީގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ފުރުސަތު ދެއްވީތީ އަދުގެ ސަރުކާރަށާއި ޕްރައިވަޓައިޒޭޝަން ބޯޑަަށް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ. އަދި ސަރުކާރުން އޭނާއާ ދޭތެރޭ ބެހެއްޓެވި ގާތްކަމަށް ވެސް ޝުކުރު އަދާކުރައްވާފައި ވެއެވެ.
މައުރޫފް އަހްމަދު ނުވަތަ ކުޅިވަރުގެ، ހާއްސަކޮށް ފުޓްބޯޅައިގެ މައިދާނުގައި މަޝްހޫރު މާއްޓޭއަކީ ރާއްޖޭގައި އުފެދުނު ހުށިޔާރު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. ކުރީގެ ލެޑެންޖަރީ ކުޅުންތެރިޔާ އަދި ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރުހޫމް ހައިވަރު އަހްމަދުފުޅުގެ ދަރިފުޅުު މާއްޓޭ ވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ރަން ޒަމާނުގައި ކުޅުންތެރިއެއްގެ ގޮތުގައި އެޓީމަށް ފުޓްބޯޅަ ތަށި މިލްކު ކޮށްދިނުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ.
މީގެ އިތުރުން ކޯޗިން ދާއިރާއަށް ނުކުމެ ވެސް ވިކްޓްރީއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައި ވެއެވެ. އަދި ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅުއްވާފައިވާ މާއްޓޭއަކީ އަބަދު ވެސް ކުޅިވަރުގެ ތެރޭގައި ހާއްސަކޮށް ފުޓްބޯޅައިގެ ކަންކަމުގައި އުޅުއްވާ ބޭފުޅެކެވެ. އޭނާގެ ނަމުގައި "މާއްޓޭ އެކަޑެމީ" ގެ ނަމުގައި ކުޑަކުދިންނަށް ފުޓްބޯޅަ ކޯޗިން އެކްޑަމީއެއް ވެސް ހިންގަވައެވެ.