ރާއްޖެއަށް ޓުއަރިސްޓް ވިސާގައި އައި ދެ ބިދޭސީއަކު ރާއްޖެއިން ފުރައިގެންދިޔަ ފަހުން އެމީހުން ހޯދަން އިމިގްރޭޝަންއިން އިއުލާން ކޮށްފިއެވެ.
އިލްޔާސް އަންޒަރި ކަލިޔަތު ކޯޔާ، ނަމަކަށް ކިޔާމީހަކާއި ކޯޔާ ކަލިއަތު ޚާލިދު ނަމަކަށް ކިޔާ ދެމީހެއްގެ ފޮޓޯ އާންމުކޮށް އިއުލާން ކުރުމަށްފަހު އިމިގްރޭޝަންއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ދެމީހުން ކުރިޔަށް އޮތް 5 ދުވަހުގެ ތެރޭގައި، މ. ސްޓާ ކުލައުޑް ބިލްޑިންގގެ 10 ފަންގިފިލާގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ ރިސްކު މެނޭޖްމަންޓަށް، ހެނދުނު 8:00 އާއި މެންދުރުފަހު 3:00 އާދެމެދު ހާޒިރު ވުމަށެވެ.
އަދި މިމީހުންނާއި ގުޅުންހުރި މައުލުމާތު އެގޭ ފަރާތަކުން އިމިގްރޭޝަނަށް އެންގުމަށްވެސް އެ އިއުލާނުގައި އެދިފައި ވެއެވެ. މި ބިދޭސީން ހޯދުމަށް އިމިގްރޭޝަންއިން އިއުލާން ކުރި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.
"ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހުން ހޯދުމަށް އިމިގްރޭޝަންއިން އިއުލާން ކޮށްފައިވަނީ މިމީހުން ރާއްޖެ ދޫކޮށް ދިޔަފަހުންނެވެ.
މިމީހުން ފުރައިގެން ދިޔަފަހުން، ދެ ބިދޭސީން ހޯދުމަށް އިމިގްރޭޝަންއިން އިއުލާން ކުރުމާއި ގުޅިގެން، ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރުން ސައުދުﷲ ހިލްމީ ކުރެއްވި ޓުވީޓެއްގައި ވަނީ، ފުރައިގެން ގޮސްފައިވާ ބަޔަކު ފުރިކަން ނޭގި އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިއުލާން ކުރިއިރު، ރާއްޖޭގެ ބޯޑަރު ސިސްޓަމަށް ވެފައިހުރީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.
Furaigen gosfaiva bayaku furikan neygi Immigration ah haaziru vumah anga iulaan kuri iru boarder system thihiri kihineh vefaitho? Noonee mee Hanafy ge gaai meehaku/bayaku bunegen kuri galhi kamehtho? Raajjeyge maidhoraashige agu migothah vattaa nulavvaa. @ImmigrationMV @hanafymv pic.twitter.com/VElSKcKnRr
— Saudulla Hilmy (@SaudullaHilmy) July 18, 2023
ސައުދުގެ ޓުވީޓުގައި އޭނާވަނީ، ފުރައިގެން ދިޔަބަޔަކު ހޯދުމަށް އިމިގްރޭޝަންއިން ކުރި އިއުލާނަކީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހަސަން (ހަނަފީ)ގެ ގާތް ބަޔަކު ބުނެގެން ކުރި "ގަޅި" ކަމެއްކަމުގައި ތުހުމަތު ކުރައްވާފައެވެ. އަދި އޭނާވަނީ ރާއްޖޭގެ މައި ދޮރާށީގެ އަގު މިގޮތަށް ވައްޓާނުލުމަށްވެސް އެދިފައެވެ.
ސައުދު ވަނީ މޯލްޑިވިއަންއިން ދަތުރުކުރާ ޕަސެންޖަރުންގެ ޒާތީ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް، ލީކުކޮއްލާ އެމީހުންގެ ފުރާނައަށް ނުރައްކާ ކުރުމަކީ ކަމާބެހޭ ފަރާތްތަކުން ސީރިއަސްކޮށް ބަލަންޖެހޭ ކަމެއްކަމަށްވެސް ވިދާޅުވެފައެވެ.
ރާއްޖެ ޓޫރިސްޓް ވިސާއެއްގައި ޒިޔާރަތްކުރި ދެމީހަކު ހޯދުމަށް އިއުލާން ކުރުމުގެ ކުރިން އެމީހުން ރާއްޖެއިން ފުރައިގެން ދިޔަކަން އިމިގްރޭޝަނަށް ނޭނގި އޮތުމަކީ ސުވާލު އުފެދޭ ކަމަކަށްވި ނަމަވެސް، އިމިގްރޭޝަނަށް ނޭގި އެމީހުންނަށް ރާއްޖެއިން ފުރައިގެން ދެވުނީ ކޮން ގޮތަކުން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.