ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ރަފީޢުއްދީން 07 ދުވަހަށް ސަސްޕެންޑް ކޮށްފި

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ރަފީޢުއްދީން 07 ދުވަހަށް ސަސްޕެންޑް ކޮށްފި

Author
ހުސެއިން
13 ޖުލައި 2023 09:53
0

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓޫގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަހުމަދު 7 ދުވަހުގެ މުއްދަތަކަށް ޖޭއެސްސީން ސަސްޕެންޑް ކޮށްފިއެވެ.

ޖޭއެސްސީން އާންމުކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައި ސޮއިކުރެވިފައިނުވާތީ، އެހެން ދުވަހަކަށް ޙުކުމް ކުރުމަށް ތާވަލުކުރާނެކަމަށް ޝަރީއަތުން ބުނެ، އެ ހުކުމް ގާޒީ ރަފީޢުއްދީން ކޮށްފައިނުވާ ކަމަށެވެ.

އަދި އެމައްސަލައިގެ ޙުކުމް ކުރުމަށް ތާވަލުނުކޮށް 1 އަހަރާއި 5 މަހާއި 19 ދުވަސް ހޭދަކޮށް، އެއަށްފަހު ޙުކުމް ކުރުމަށް ތާވަލުކޮށް، ދަޢުވާލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ޙުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކުރުމަށްފަހު މައްސަލައިގެ ޙުކުމްނުކޮށް ވަނިކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން މައްސަލަ އަނބުރާ ފޮނުވައިދީފައިވާކަން ތަޙްޤީޤަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން އެނގެން އޮތްކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޖޭއެސްސީން ވިދާޅުވެފައިވަނީ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މިޤަޟިއްޔާގެ ޙުކުމް ކޮށްފައި ނުވަނީ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ އިހުމާލެއް އޮވެގެން ކަމަށް ސާބިތުވާތީ، މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ މި ޢަމަލަކީ،  ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާއި 6.2 ވަނަ ނަންބަރާއި 6.4 ވަނަ ނަންބަރާއި ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށް ނިންމާ 2023 ޖުލައި 13އިން ފެށިގެން ވަޒީފާއަށް ނުނިކުމެ 07 ދުވަހަށް ސަސްޕެންޑް ކުރުމަށް 2023 ޖުލައި 12 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 46 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމުގައެވެ.

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދަށް ނަސޭހަތްދިނުމަށްވެސް ޖޭއެސްސީ އިން މިއަަހަރުގެ ޖޫންމަހު ނިންމާފައި ވެއެވެ. އެފަހަރު ރަފީއުއްދީންއަށް ނަސޭހަތް ދީފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޤަޟިއްޔާއެއްގެ ޝަރީއަތް ފެށިގެން ގޮސް، ދެފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން ޤަޟިއްޔާގެ ޝަރީއަތުގެ އަޑުއެހުންތައް ނިމުނީކަމާއި، ހުލާސާ ބަޔާން ނިމުނު ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީއެވެ.

އަދި އެހުކުމް ކޮށްފައިވަނީ ޤަޟިއްޔާގެ އަޑުއެހުންތައް ނިމުނު ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސް ނުހިމަނައި 107 ދުވަސް އަދި ރަސްމީ ބަންދު ދުވަސް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުންކަން ތަހުގީގަށް ހޯދުނު ލިޔެކިޔުންތަކުންނާއި މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ބަހުން އެނގެން އޮންނާތީކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ.

އަދި އޭގެ އިތުރުން، ރާއްޖެއަށް 98 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ނިންމުން "ސަސްޕެންޑުކޮށް" އެ މީހާ ދޫކޮށްލަން އަމުރުކުރި މައްސަލާގަ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ މައްސަލަ ބަލަން ޖޭއެސްސީން 2022 ވަނަ އަހަރުގެ މާރޗްމަހު ނިންމާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.