ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް ސަރުކާރުން ގެންނަން ނިންމި ޑްރެޖަރު ރޭގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެއެވެ.
މިއީ ދުވާލެއްގެ މައްޗަށް ހެކްޓަރެއްގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. ކަސްޓަމްސް ކްލިއަރެންސް ހެދުމަށް މި އުޅަނދު މިވަގުތު އޮތީ ހއ. އުލިގަމު ބޭރުގައި ބަނދަރުކޮށްފައެވެ. ކްލިއަރެންސް ނިމުމާ އެކު އެ އުޅަނދު ދާނީ އެންމެ ފުރަތަމަ އެއިން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ހއ. އިހަވަންދުއަށެވެ.
ދިގުމިނުގައި 142.5 މީޓަރު (467 ފޫޓް) އަދި ފުޅާ މިނުގައި 27.5 މީޓަރު (90 ފޫޓް) ހުންނަ މި އުޅަނދަކީ 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ (އެއްފަހަރާ ލޯޑްކުރުމުގެ ގާބިލްކަން) ލިބިފައިވާ އެއްޗެކެވެ.
އާ ޑްރެޖަރުން ނުވަ ރަށެއް ހިއްކަން ވަނީ ނިންމައިފައެވެ. އެއީ، އިހަވަންދޫގެ އިތުރުން ށ. ކޮމަންޑޫ، އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ރ. އުނގޫފާރު، މ. ދިއްގަރު، ފ. ފީއަލީ، ކ. ދިއްފުށި އަދި ކ. ގުޅިއެވެ. މި އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެ ހުރިހާ ރަށެއް ހިއްކާ ނިންމޭނެ ކަމަށް އެމްޓީސީސީ ބުނެއެވެ.
ކޮމެންޓު ފޮނުވާ