ޢަދުލު އިންސާފު ޤާއިމްކުރުމުގައި ފަނޑިޔާރުން އިހުސާންތެރި ވާންޖެހޭ: އުއްތަމަ ފަނޑިޔާރު

ޢަދުލު އިންސާފު ޤާއިމްކުރުމުގައި ފަނޑިޔާރުން އިހުސާންތެރި ވާންޖެހޭ: އުއްތަމަ ފަނޑިޔާރު

Author
މުޙައްމަދު ޝަޒައިމް
09 ޖުލައި 2023 09:48
0

ޢަދުލު އިންސާފު ޤާއިމްކުރުމުގައި ހުރިހާ ފަނޑިޔާރުންވެސް އިހުސާންތެރި ވާންޖެހޭ ކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލް އުޘްތާޒު އަހުމަދު މުޢުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް ހުޅުވުމަށް ހއ.ބާރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވީ، ދުނިޔެ އަވަސް ދުވެއްޔެއްގައި ތަރައްގީވަމުންދާއިރު، ޢަދުލު އިންސާފު ފޯރުކޮށްދިނުމުގެ ކަންކަންވެސް އަވަސްވެ ތަރައްގީވާންވާނެކަމަށެވެ. އަދި އަދުލު އިންސާފު ފޯރުކޮށްދިނުމާއެކު، ހުރިހާ ފަނޑިޔާރުންވެސް އިހުސާންތެރިވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޤާނޫނު އަސާސީން ހައްގުތައް ކަށަވަރުކޮށްދެވޭއިރު، ހައްގުތަކާއެކު ކޮންމެ ބޭފުޅެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއް ވާނެކަން ހަނދުމަފުޅުކުރަންޖެހޭކަމަށެވެ.

ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތަކީ، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހއ.ބާރަށު ކައުންސިލްއާ ޙަވާލުކޮށް ފެށި މަސައްކަތެކެވެ. މީގެ ކުރިން މި ކޯޓު ހިންގަމުން އައިސްފައިވަނީ 2 ކޮޓަރީގެ ޖާގައިގެ ޢިމާރާތެއްގެ ތެރޭގައެވެ. އެކަމުގެ ސަބަބުން ޝަރީޢަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށެވެ.

ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ފަރުމާކުރެވިފައިވަނީ، މިހާރުގެ ޤާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީޢަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ ގޮތަށެވެ. އެގޮތުން ޝަރީޢަތްކުރާނެ ވަކި 2 މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ޚާއްޞަކުރެވިފައިވާ ބައިތަކުގެ އިތުރުން ސްޓޭންޑަރޑް ކޯޓެއްގައި ފުރިހަމަވާންޖެހޭ ގިނަ ކަންކަން ހިމެނޭގޮތަށެވެ.

އޭގެތެރޭގައި ކޯޓަށް ހާޒިރުވާ ވަކީލުން މަޑުކުރުމަށް ހާއްސަ ރޫމަކާއި، ޕޮލިސް ޕޯސްޓަކާއެކު ކުށުގެ ތުހުމަތުގައި ހާޟިރުކުރެވޭ ފަރާތްތައް ވަކިން ބައިތިއްބާނެ ތަނަކާއި، ކޮންފަރެންސް ރޫމް އަދި ޝަރުޢީ ލިޔެކިޔުންތައް އަރުޝީފް ކުރާނެ ޖާގައިގެ އިތުރުން ޢާންމުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ފަސޭހަވާނެހެން ރިސެޕްޝަން އޭރިއާއަކާއި ވެއިޓިންގ އޭރިއެއް ކޯޓުގައި ހިމެނޭ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.