ރިޔާސީ އިންތިހާބުގައި ވާދަކުރާ ކޮންމެ ކެނޑިޑޭޓެއް މުޅިން އައު އެކައުންޓެއް ހުޅުވަންޖެހޭނެ: އިލެކްޝަންސް

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކޮންމެ ކެނޑިޑޭޓެއް މުޅިން އައު އެކައުންޓެއް ހުޅުވަންޖެހޭނެ: އިލެކްޝަންސް

ގުޅުންހުރި

ރިޔާސީ އިންތިހާބަށް ހަރަދުކުރަން ކޮންމެ ކެންޑިޑޭޓަކު މުޅިން އައު ބޭންކު އެކައުންޓެއް ހުޅުވުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ އެ އެކައުންޓަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި ބޭނުންކުރާނެ އެކައުންޓުކަމަށެވެ. އަދި މިއެކައުންޓް ވާންޖެހޭނީ ރާއްޖޭގައި ހިންގާ ކޮންމެވެސް އެއް ބޭންކެއްގައި އެކަމަށް ހާއްސަކޮށް މުޅިން އަލަށް ހުޅުވާ އެކައުންޓަކަށް ކަމަށްވެސް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ހަބީބު ވިދާޅުވީ، އެ އެކައުންޓް ހުޅުވަން ޖެހޭނީ ކެންޑިޑޭޓުގެ ނަމުގައި ކަމަށެވެ. އަދި އިންތިހާބާ ގުޅިގެން، ކެންޑިޑޭޓަށް ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އަލަށް ހުޅުވާ މި އެކައުންޓަށް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން، އެފަދަ އެކައުންޓެއް ފަސޭހައިން ހުޅުވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އިލެކްޝަންސް ކޮމިށަނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ބޭންކުތަކާ ވާހަކަ ދައްކަވައިގެން، އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ގާނޫނުގައި ބުނާގޮތުން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އެކަމަށް އެދި ހޯމު ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30ގައި ބޭއްވުމަށް އިލެކްޗަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ