ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ތާރާ ސިންގް އާއި ސަކީނާ އަލީގެ ގޮތުގައި އެނބުރި އަންނަ "ގަދަރް 2″ ގެ ފުރަތަމަ ލަވަ ދައްކައިލައިފިއެވެ.
މި ލަވައިގައި ފެނިގެންދަނީ ސަނީ އާއި އަމީޝާއެވެ. މި ލަވައިގައި ވަނީ 2001 ވަނަ އަހަރު ނެރުނު އޭގެ ފުރަތަމަ ފިލްމް ގަދަރްގެ ގެ ބައެއް ތަންކޮޅުކޮޅުވެސް ހިމަނާފައިއެވެ. އަދި މި ލވައިން އެދެމީހުންގެ ކެމިސްޓްރީ އަދި ލޯބި ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.
"ގަދަރް 2″ އަކީ ސަނީ އާއި އެކުގައި ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. މީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްއެކެވެ.
ރޮމޭންޓިކް ޕީރިއަޑް ޑްރާމާ "ގަދަރް" އަކީ ގިނަ އެވޯޑްތަކެއް ވެސް ހޯދި ކާމިޔާބު ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދީފައިވަނީ ގެއްލިފައިވާ ލޯބިވާ އަނބިމީހާ ހޯދުމަށް ކުރާ ދަތުރުގައި ދިމާވާ ހާދިސާތަކެކެވެ.
ސީކުލް ގައިވެސް ލީޑުން ސަނީ އާއި އެކުގައި އަމީޝާ ފެނިގެންދާއިރުގައި މި ފިލްމްގެ ވާހަކަ އެނބުރެނީ ދަރިފުޅާއި ބައްޕައެއްގެ މެދުގައިވާ ލޯބީގެ މައްޗަށެވެ. "ގަދަރް-2″ ގައި ފެނިގެންދާނީ ލޯބިވާ ދަރިފުޅު ހޯދުމަށް ބައްޕައަކު ކުރާ މަސައްކަތެވެ.
އެގޮތުން ދަރިފުޅު ހޯދުމަށް ޕާކިސްތާނަށް ގޮސް އެނބުރި ދަރިފުޅު ގޮވައިގެން އަންނައިރު ދިމާވާ ކަންތަށްތަކެއް މި ފިލްމުން ދައްކުވައިދޭނެކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
މި ފިލްމުންވެސް ފެނިގެން ދާނީ ސަނީ ޑިއޯލް އަދި ސަނީގެ ދަރިފުޅުގެ ރޯލު ފުރަތަމަ ފިލްމުގައި ވެސް އަދާކުރި އުތުކަރުޝް ޝަރްމާއެވެ. 'ގަދަރް 2′ ނެރޭނީ އިންޑިއާގެ މިނިވަން ދުވަހާ ކައިރިކޮށް 11 އޮގަސްޓުގަ އެވެ.