ރައީސް ޞާލިހުގެ ވެރިކަމަށް 2 އަހަރު ވެފައި ވީނަމަވެސް ކޯވިޑް 19 އާއިއެކު ދިމާވި ގޮންޖެހުންތަކާއިއެކު ހަގީގަތުގައި ވިސްނާމަ މިސަރުކާރަށް މިވީ އަދި އެއް އަހަރުކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ލ.ގަމު ފުޓުބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ މިސަރުކާރުގެ މިވީ 2 އަހަރުގެ ތެރެއިން ސަރުކާރަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބިފައިވަނީ އެއްއަހަރު ކަމުގައެވެ. ކޯވިޑް 19 އާއި ގުޅިގެން ސަރުކާރަށް ދިމާވި ގޮން ގޮންޖެހުންތަކާއިއެކު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މަޑުޖެހި މުޅި ދައުލަތުގެ އިޤްތިޞާދު ހުއްޓުމަކަށް އައިކަމަށެވެ. ނަމަވެސް ރައީސް ޞާލިހުގެ ތަޖުރިބާއާއި، އިރުޝާދުގެ ދަށުން މި ގޮންޖެހުންތަކުން އަރަައިގަތުމަށް ކުރެވުނު މަސައްކަތަކީ ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ކުރެވިފައިނުވާ ވަރުގެ މަސައްކަތްތަކެއް ކަމަށެވެ.
މަހުލޫފް ވިދާޅުވީ ކޯވިޑް19 އާއި އެކުވެސް ތަރައްޤީގެ ކަންކަން މިސަރުކާރުން ކުރެވެން އޮތް ވަރަކުން ކޮށްފައިވާކަމަށެވެ. އެގޮތުން މިއަދު ހުޅުވިގެންދިޔަ ދަނޑަކީވެސް މި އަހަރުގެ ތެރޭގައި ތަރައްޤީ ކުރެވިފައިވާ ދަނޑެއްކަމަށެވެ. މިސަރުކާރަކީ މާލެއަށް އެކަނި ތަރައްޤީ ގެނުވާނެ ސަރުކާރެއް ނޫންކަމަށާއި، އަތޮޅު ތެރޭގައި ކުޅިވަރުގެ ވަސީލްތަތައް ގާއިމްކޮށް މޮޅެތި ކުޅުންތެރިން އުފެއްދުމަކީ މިސަރުކާރުގެ އަމާޒުކަމަށެވެ.
މިދަނޑު އެންމެ ފުރަތަމަ ބިން ބެލުމަށް އަޅުގަނޑުމެން އައިއިރުމިއީ ބޮޑު ޖަންގައްޔެއް. އެކަމު މިއަދު މިތަން މިއޮތީ ސާފު ބޮޑު ދަނޑަކަށް ބަދަލުވެފަ. މިގޮންޖެހުންތަކާއިއެކު މިއަހަރުގެވެސް އަޅުގަނޑުމެން މިހުޅުވީ 39 ވަނަ ދަނޑު. އިރާދަ ކުރެއްވިޔާ އަޅުގަނޑުމެން މިދަނޑުގެ ލައިޓް ޖަހައި، ފެންސު ޖަހައި، މިދަނޑުގައި އޭފްއެފްސީ ކަޕް މެޗުވެސް ކުޅެވޭނެ ގޮތްހަދާނަން.
– މަހުލޫފް ވިދާޅުވިއެވެ.
މިނިސްޓަރ މަހުލޫފް ވިދާޅުވީ ރައީސް އިބްރާހިމް ޞާލިހު ދިވެހި ކުޅިވަރަށް ކޮށްދެއްވި ޙިދުމަތާއި ގާތަށްވެސް ހިދުމަތް ކޮށްދެވުނު ވެރިއެއް މިހާތަނަށް ރާއްޖޭގައި ނެތްކަމަށެވެ. ކުޅިވަރަކަށް ބޮޑެތި ޚަރަދުކޮށް، 100 ދުވަހުގެ ތެރޭގައި ޤައުމީ ޓީމުތަކުގެ މެދުގައި އޮތް މުސާރައާއި މިންތީގެ ހަމަހަމަކަން ގާއިމްކޮށްފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ