ފަތިސްނަމާދުން ފައިބައިގެން ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އަނިޔާވި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާގެ ބޭބެ، ޢަލީ ހަފީޒަށް ބީ ޕޮޒިޓިވް ލޭ ބޭނުންވާތީ އެހީއަށް އެދިއްޖެއެވެ.
އޭޑީކޭ ގައި އެކްސިޑެންޓު ވެގެން ކްރިޓިކަލް ހާލަތުގައި އޮތް އަލީ ހަފީޒަށް ވަރަށް ގިނަ އަދަދަށް ލޭ ބޭނުންވެގެން އެހީ ތެރިކަމަށް އެދިއްޖެއެވެ. ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ މި ޕޯސްޓުގައި ބުނީ ހަފީޒަށް 6 ޑޯނަރުން ބޭނުންވާ ކަމަށެވެ. ލޭ ބޭނުންވަނީ މިވަގުތު އޮޕަރޭޝަނެއް ކުރަމުންދާތީއެވެ.
ހަފީޒަށް ލޭ ހަދިޔާ ކުރައްވަން ބޭނުންވާ ބީ ޕޮޒިޓިވް ލޭ ހުރި ފަރާތްތަކުން 9713311 އަށް ގުޅުމަށް ޢާއިލާއިން އެދެއެވެ.
ހަފީޒަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލަށް ގެންދެވުނު ހިސާބުން އޭޑީކޭގެ އައިސީޔޫގައެވެ. ޝުޖާ ވިދާޅުވީ ބޭބެގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ. ބޭބެގެ ބޮލަށް ލިބުނު އަނިޔާތަކުގައި ސިކުޑިއަށް ގެއްލުންވެ، ފުއްޕާމެއަށްވެސް އެކި ވަރުގެ ގެއްލުން ލިބިފަައިވާކަމަށެވެ.
ޝުޖާ ވިދާޅުވީ މަސައްކަތް ކުރަމުންދަނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކަމަށާއި، ނަމަވެސް މިވަގުތު ހާލަތު ހުރިގޮތުން ޑޮމކްޓަރުން އެފަދަ ހުއްދައެއް ނުދެއްވާކަމަށެވެ. ޝުޖާވަނީ މިހިތްދަތި ދަނޑިވަޅުގައި އެންމެން ހެޔޮ ދުޢާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ހަފީޒު އެކްސިޑެންޓްވީ މަޖީދީ މަގުގައި ހުންނަ ރެޑްވޭވް ކައިރީގައި ހުންނަ ކުޑަ މިސްކިތަށް ގޮސް ފަތިސް ނަމާދުކޮށްގެން ގެޔަށް ހިނގާފައި ދަނިކޮށެވެ. ފުލުހުން ބުނީ، އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ އިއްޔެރޭ ފަތިހު 5:00 ޖަހާކަންހާއިރު ކަމަށެވެ.
ހަޒީފަކީ ޤައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްވެސް މެއެވެ. ހަޒީޒު ޢާންމުކޮށް ކޮންމެ ދުވަހަކުވެސް ނަމާދަށް ދަނީ ހިނގާފައިކަމަށް އެނގިފައިވެއެވެ. ގެއާއި ކައިރީގައި މިސްކިތް ހުންނާތީ އަނަދުވެސް މިސްކިތަށް ގޮސް ހަދަނީ ހިނގާފައެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ މީހެއް ކަމަށާއި އޭނާ އަތުގައި ލައިސަންސް ނޯންނަ ކަމަށެވެ.
ޚަބަރު އޮންލައިންގެ ފަރާތުން ޝުޖާގެ ބޭބެ ޢަލީ ހަފީޒަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާކުރަމެވެ.