ފުލުހުންނަށް ހަތިޔާރު ގެންގުޅުމުގެ ބާރު ނުދިނުމަށް އިހުސާންގެ އާދޭސް މެމްބަރުންނަށް!

ފުލުހުންނަށް ހަތިޔާރު ގެންގުޅުމުގެ ބާރު ނުދިނުމަށް އިހުސާންގެ އާދޭސް މެމްބަރުންނަށް!

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 02:55
0

ހަތިޔާރު ގެންގުޅުުމުގެ ބާރު ފުލުހުންނަށް ދިނުމާއިމެދު ވިސްނަވައި، އެނިންމުން އަލުން މުރާޖާ ކުރެއްވުމަށް ސިފައިންގެ ޚިދުމަތުގައި ކުރިން ހުންނެވި ކެޕްޓަން ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ހަތިޔާރު ގެންގުޅުުމުގެ ބާރުދީ ފުލުހުންގެ ބިލު 241 ކޮމިޓީން ފާސްކޮށްފައިވާއިރު މިކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ ފާޅުކުރައްވާފައެވެ. ބިލުގެ ކޮމެޓީ މަރުހަލާއިން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ކެޕްޓަން އިހުސާން ވިދާޅުވީ ރާއްޖެފަދަ އާބާދީ ކުޑަ އާންމުން ހަތިޔާރު ގެންގުޅުން މަނާ ޤައުމެއްގައި، މަދަނީ ޚިދުމަތްދެއްވާ ބޭފުޅުންގެ އަތަށް ހަތިޔާރު ދިނުމަކީ ރައްކާތެރި ކަމެއް ނޫންކަމަށެވެ. މިކަމުގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެކަން ފާހަގަކޮށް އިހުސާންވަނީ ފުލުހުންނަށް ހަތިޔާރު ނުދެއްވުމަށް މެމްބަރުންގެ ކިބައިން އާދޭހާއިއެކު ދަންނަވާފައެވެ.

ދިވެހި ރާއްޖެފަދަ ކުޑަ އާބަދީ މަދު އާންމު ހަތިޔާރު ގެންގުޅުން މަނާ ޤައުމެއްގައި މަދަނީ މުއައްސަސާއަކަށް "ލީތަލް" ހަތިޔާރު ގެންގުޅުމުގެ ބާރު ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އާދޭސް ދަންނަވަން! މިކަމުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ.

– އަލީ އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިހާރު އޮތް ފުލުހުންގެ ޤާނޫނުގެ ތެރެއިން ހަތިޔާރުގެ ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ނުކުރެވޭނެ ގޮތަކަށް ނެތްކަމަށެވެ. އަކަން ކުރެވޭނެ މަގު މިހާރުވެސް ހުޅުވިފައިވާއިރު، ފުލުހުންނގެ އަތަށް ހަތިޔާރު ދިނުމަށް ނިންމާ ނުންމަކީ ގޯސް ނިންމުމެއްކަމަށް އިހުސާން ވިދާޅުވިއެވެ.

މިހާރު ހުރި ޤާނޫނީ އިމުގެ ތެރެއިންވެސް ފުލުހުންނަށް ލީތަލް ހަތިޔާރު ބޭނުންވާ ހާލަތުގައި، އަސްކަރިއްޔާ މެދުވެރިކޮށް އެ ހާލަތްތަކަށް ބޭނުންވާ، އެކަށީގެންވާ ލީތަލް ހަތިޔާރުގެ އެހީތެރިކަން ލިބޭނެ.

– އަލީ އިހުސާން ވިދާޅުވިއެވެ.

ބިލު ކޮމިޓީން ފާސްކޮށް ތަޅުމަށް ހުށަހަޅާފައިވާއިރު، ބިލުގައި އެންމެބޮޑު ނުތަނަވަސްކަމެއް އުފެދުނު ފުލުހުންނަށް ލީތަލް ހަތިޔާރު ދިނުމުގެ މާއްދާ ވަނީ ކޮމިޓީން ފާސްކޮށް ބިލުގައި ހިމަނާފައެވެ. ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހުންނާއި މަތިކޮށްފައިވާ ކުށްކުރުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، ވަގުތާއި ހާލަތަށް ބަލައި ފުލުހުން ގެންގުޅެންޖެހޭކަމަށް މިޤަނޫނުގެ ދަށުން ވަޒީރުގެ ހުއްދައާއެކު ކޮމިޝަނާރ ކަނޑައަޅާ ހަތިޔާރާއި، އާލާތްތައް މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ދިވެހި ރާއްޖެއަށް އެތެރެ ކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރުލު ފުލުހުންނަށް ލިބިގެންވާކަމަށެވެ. މިޤާނޫނުގައި ފުލުހުނަށް ލީތަލް ހަތިޔާރާއި، ނޮން ލީތަލް ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ ބިލާއިމެދު އެމްޑީޕީގެ ޕީޖީ ތެރޭގައި ޚިޔާލު ތަފާތުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބިލަށް ހުށަހެޅުއްވި އެއްވެސް އިސްލާހެއް ކޮމިޓީން ބަލައިގެންފައި ނުވެއެވެ. މިކަމާއި ހިތްހަމަ ނުޖެހި މަޖިލިސް ރައީސް ވިދާޅުވީ ފުލުހުންގެ ބިލަކީ އެބިލާއިމެދު މަޝްވަރާ ކުރަމުން ދިޔަ އިރުގައި ވަރަށް ގިނަ ބޭފުޅުން ޝައުގުވެރިކަން ބަހައްޓަމުން އައިބިލެއްކަމަށާއި، ނަމަވެސް ބިލުގައި އެމަނިކުފާނުގެ ބައިވެރިވުން ކޮމިޓީން ނުހިމެނިކަމަށެވެ.

މަޖިލިސް ރައީސް ވަނީ ފުލުހުންގެ ކަންކަމުގައި އެމަނިކުފާނު ބައިވެރި ނުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ފުލުހުންގެ ބިލަށް އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުތައް ފާސް ނުކުރުމަކީވެސް ނުހަނު ކަންބޮޑުވާކަމެއްކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ ބިލަކީީ އެއްވެސް ފުލުހަކަށް އަމާޒުކޮށް ބަދަލުހިފުމާއި ދެކޮޅު ހެދުން ކަހަލަ ކަމެއް ކުރަން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށް މަޖިލިސް ރައީސް ވަނީ އިއްޔެ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.