މާތްވެގެންވާ ޙައްޖު ދުވަސް ނުވަތަ ޢަރަފާތް ދުވަހުގައި މުސްލިމު އުއްމަތުގެ އެންމެހާ މުސްލިމުން އަޒުމް ކަނޑައަޅަންވީ ބައިބައިވުމަށް ޖާގަ ނުދީ އެއްބައި ވަންތަކަމާއިއެކު މުސްލިމުންގެ އަޤީދާގައި ސާބިތުވެ ދެމި ތިބުމަށް ކަމުގައި ޙައްޖު ޚުތުބާގައި ގޮވާލައިފިއެވެ.
މިއަދަކީ މާތްރަސްކަލާންގެ، އެކަލާނގެ އަޅުތަކުންނާއި މެދު އެންމެ ބޮޑަށް ފަޚުރުވެރިވެވޮޑިގަންނަވާ ދުވަހެވެ. އެކަލާނގެ ހަނދުމަކޮށް ފުއްސެވުމާއި ދިންނެވުން ހޯދުމަށް އެތައް މިލިއަން މުސްލިމުން ޢަރަފާތު ބިމުގައި މުޅި ދުވަސް ހޭދަކުރެއެވެ. މިއަދަކީ، ވެރިއެއް، މުއްސަނޖެއް، ފަޤީރެއް އާދައިގެ މީހެއް ތަފާތުކުރުމެއް ނުވާ ޢަރަފާތު ބިމުގައި މުސްލިމުން މިއަދު ހަމަހަމަކަން ދައްކުވައިދޭ ދުވަހެވެ.
ހައްޖު ހުތުބާގައި މިއަދު އަލިއަޅުވާލީ އެއްބައިވަންތަކަމުގެ މައްޗަށެވެ. މި ހުތުބާ އަޑު އެހުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް މައްކާގައި ހުންނަ މަސްޖިދު އަލް ނަމީރާ އަށް ދިޔައެވެ. އެގޮތުން 2.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަށް ދިޔައެވެ.
ޙުތުބާގައިވަނީ މުސްލިމުނަކީ އެއްބައިވަންތަ ކަންމަތީ ތިބެންޖެހޭ ބައެއްކަން މާތް ރަސޫލާގެ ހަޔާތްޕުޅުންނާއި، ސަޚާބީ ބޭކަލުންގެ ދިރިއުޅުއްވުމުންވެސް އެގެން އޮތްކަމަށެވެ. މުސްލިމުންނަކީ އަބަދުވެސް މާތް ރަސްކަލާންގެއަށް ތަޤުވާވެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބާ ހެޔޮ ޢަމަލުކުރުން މަތީ ދެމި ތިިބޭ ބަޔަކަށް ވާންޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައިވަނީ ކޮންމެ މީހަކުވެސް މާތް ރަސްކަލާންގެ ހަޒުރަތަށް ދާންޖެހޭކަން ގަބޫލުކޮށް ނަމާދު ގާއިމު ކުރުމާއި ރޯދަ ހިފުމާއި ޒަކާތް ދިނުމާއި ކުޅަދާނަ ކަން ލިބިފައިވާ މީހާ ހައްޖުގެ އަޅުކަން އަދާ ކުރުމާއި އިސްލާމީ އެންމެހާ ރުކުންތަކަށް ތަބާވާން އިސްކަން ދިނުމަކީ އެމީހެއްގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ކުރަން މުހިންމު ކަންތައްތަކެއް ކަމުގައި ބުނެފައެވެ.
މާތް ރަސްކަލާންގެ ވަނީ ދެބަސްވުން ނަހީ ކުރައްވައިފަ. ބައިބައިވެ ނުދިއުމާއި އިސްލާމް ދީނުގައި ހިފަހައްޓައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބުމަށް މާތް ރަސްކަލާންހެ ވަހީ ކުރައްވާފައިވާފައިވޭ. ހާއްސަކޮށް އަސްހާބު ބޭކަލުންގެ އެއްބައިވަންތަ ކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަން ސާބިތުބާން އެބަހުރި.
– ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ އެއްބައިވަންތަކަން ގެއްލިއްޖެ ނަމަ، އާއިލާތަކަށާއި މުޖުތަމައު އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ބައިބައިވުމަކީ މުޖުތަމައުގެ ސަފުތައް ރޫޅޭނެ ކަމެއް ކަމަށް ހުތުބާގައިވެއެވެ. އެކަމުގެ ސަބަބުން މުޅި ވަތަން ހަލާކުވެ، ދުނިޔެ އަށް ވެސް ގެއްލުން ލިބިގެން ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ބައިބައިވުމުގެ ސަބަބުން އުންމަތް ހަލާކުވެގެންދާނެ. ދެބަސްވުމުގެ ސަބަބުން ލޭ އޮހޮރުވުން ހިނގައިދާނެ. ދެ ބަސް ވާ ނަމަ، ތިޔަބައިމީހުންގެ ވަސް ވެސް ފިލައި ހިނގައި ދާނެ. އެއްބައިވަންތަކަމުގެ އަސާސް ދެމެހެއްޓުމަށް ރަހިމުންގެ ގުޅުން ދެމެހެއްޓުމަށާއި އާއިލާގެ ގުޅުން ދެމެހެއްޓުމަށް އަންގާފައިވޭ. މައިންބަފައިންނަށް އިހްސާންތެރިވުމާއި އަވަށްޓެރިންނަށް ކަމޭހިތުމާއި ތިމާގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް އެހީތެރިވާން ޖެހޭ.
– ޚުތުބާގައި ބުނެފައިވެއެވެ.
ހައްޖު ހުތުބާގައި ވަނީ މުސްލިމުންގެ ސަފުތައް ބައިބައި ކުރުމަށް ފެތުރޭ ދޮގު ވާހަކަތަކާ މެދު އަޅާނުލުމަށް އެދިފައެވެ. އަދި ހަބަރެއް ލިބިއްޖެ ނަމަ، އެކަމުގެ ތެދު ދޮގު ބެލުމަށާއި އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ ސަފުތައް ރޫޅާލަން ކުރާ މަސައްކަތާ މެދު ސަމާލުވާން ޖެހޭ ކަމަށް ބުނެފައިވެއެވެ. ޚުތުބާގައިވަނީ މިއަދު އަރަފާތު ބިމުން ފެނިގެންދާ އެއްބައިވަންތަ ކަމާއި އެކުލުންތެރި ކަމަކީ މުސްލިމު އުއްމަތުގެ އެއްބައިވަންތަކަން ރަމްޒު ކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް ބަޔާން ކޮށްފައެވެ.
މީގެއިތުރުން ހައްޖުވެރިން، ހައްޖުގެ ރުކުންތައް އަދާކުރަމުންދާ އިރު، އެއްބައިވަންތަކަމާ އެކުގައި ހުރިހާ ކަމެއް ކުރުމަށް ވެސް ހައްޖު ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އަދި އުންމަތުގެ އެއްބައިވަންތަކަމަށް މަސައްކަތް ކުރުމަށާއި ބައިބައިވުން ނެތިކޮށްލުމަށް މަސައްކަތްކޮށް ދިނުމަށް ގޮވާލާފައިވެއެވެ.
ކޯވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށްފަހު ފުރަތަމަ ފަހަރަށް އެންމެ ގިނަ ބަޔަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ފުރުޞަތު މިފަހަރު ސަޢުދީންވަނީ ދީފައެވެ. 2019 ވަނަ އަހަރަށް ފަހު އެންމެ ގިނަ މީހުން ޙައްޖަށް ގޮސްފައިވަނީ މިއަހަރެވެ. މިގޮތުން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި 2.5 މިލިއަން މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުންވަނީ މައްކާއަށް ދަތުރުކޮށްފައެވެ. މިއީ މުޅި ދުނިޔޭގައިވެސް ދީނީ އަޅުކަމެއް އަދާކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެންމެ ގިނަ މީހުން އެއްތަންވާ ޖަމާޢަތެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބުނު 1000 މީހުންގެ ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަނާއި، އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި މިއަހަރު ދިވެހި ޙައްޖުވެރިން ވަނީ ގޮސްފައެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދިޔަ މީހުން މިހާރު ތިބީ ޢަރަފާތުގައި ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.