އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނުކުރެވޭތީ، ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އަންނަ އާދީއްތަ ދުވަހު ދޫކުރާނޭކަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވި ނަމަވެސް، ހުއްދަ ހޯދުމަށް މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމަށް، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
މިއަދު އިދިކޮޅު 5 ޕާޓީއަކުން އެކުވެގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޫކުރާނެކަމަށް އަންގާފައި ވަނިކޮށްވެސް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނީ އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނެތިގެން ކަމުގައެވެ. އޭނާ ވިދާޅުވީ ހުއްދަ ދޫކުރާނޭކަން މިއަދު އިލެކްޝަންސް ކޮމިޝަނުން އަންގާފައިވިނަމަވެސް، ކޯޓަށް މައްސަލަ ހުށަހަޅުއްވާނެކަން އިއްޔެގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސަށް އަންގާފައި ވާނެ ކަމުގައެވެ.
އަދި ކޯޓަށް ހުށަހެޅި މައްސަލާގައި 5 ކަމެއް ފާހަގޮށްފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުށަހަޅާފައި އޮންނާނީ ހަތަރު ފަސްކަމެއް.. އެކޯޓުން އެދިފައި އޮންނާނީ އަޅުގަޑުމެން މި އެދޭ ކަންކަމުގެ ތެރޭގަ. އެއްކަމަކަށް އިލެކްޝަންސް ކޮމިޝަނަށް ގާނޫނުގައި އޮތްގޮތުން މިހާރު އެ ހިފަހައްޓައިގެން ތިއްބެވި ގޮތަކަށް އެހުއްދަ ނުދެއްވާ ހިފަހައްޓަވައިގެން ނުދިއްބެވޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އިނގޭތޯ. ދެން އޭގެ ފަހަތުން އެބައާދޭ އެތައް ބައިވަރު ކަންކަން، މިސާލަކަށް އެ ހިފަހައްޓަވައިގެން ތިއްބެވި ތިއްބެވުން އެއީ ގާނޫނު އަސާސީއާއި ގާނޫނާއި ޚިލާފު ކަމެއްކަމަށް ކަނޑައަޅުއްވައި ދެއްވާށާ ދެން އިތުރަށް އެކަން ނުކުރެއްވުމަށާއި، އެހުއްދަ ދެއްވުމަށާއި، ދެން އޭގެ ގާނޫނީ ހުއްޖަތްތައް ދައްކާފަ ހުންނާނީ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވިއެވެ.
އިދިކޮޅު 5 ޕާޓީއަކުން ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، އިދިކޮޅު ޕީޕީއެމްއާއި، ޖުމުހޫރީ ޕާޓީއާއި، އެމްއެންޕީއާއި، އަލަށް ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސްގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައިވާ އެމްއާރުއެމްއިންވެސް ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންގެ އަމަލުތައް ހުރިގޮތުން އެކޮމިޝަނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެކަމާމެދު ޔަގީންކަމެއް ނެތްކަމުގައެވެ.
އަދި ހުރިހާ ޕާޓީއަކުންވެސް ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަން ޒިންމާދާރު ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން ދާނެކަމަށާއި، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުވައްސަސާ މެދުވެރިކޮށް ކުރެވެން ހުރި މަސައްކަތްތައްވެސް ހުރި ކަމުގައެވެ.
ކޮމެންޓު ފޮނުވާ