މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް މި ފެށޭ ދިރާސީ އައު އަހަރަށް ތައްޔާރުވަމުން އަންނަ އިރު ހައްލު ލިބޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގިނަ ސްކޫލުތަކެއް ދިރާސީ އައު އަހަރަށް ހުޅުވި، އެސްކޫލުތަކުގައި ކިޔަވައިދޭން ފެށޭނެކަމަށެވެ.
އެގޮތުން މިހާރު އެންމެ ޑިމާންޑް ބޮޑު ސަރަހައްދަކަށް އޮތީ ހުޅުމާލެ ފޭސް-2 ކަން ފާހަގަކުރައްވައި ފޭސް-2 ގައި އިމާރާތް ކުރެވޭ ސަލާހުއްދީން ސްކޫލާއި އެކުވެސް ޖާގައިގެ ދަތިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގައި ދަރުމަވަންތަ ސްކޫލު ހުޅުވޭނެ ކަމަށާއިި، މި ސްކޫލުން އިތުރު ޖާގަތަކެއް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރަބިއްޔާ ސްކޫލަށް އިޝާރާތްކުރައްވައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތަށް ޚާއްސަ އިސްކަމެއް ދޭކަމަށެވެ. ގިނަ ސްކޫލުތަކުގެ މަސައްކަތްތައް ކުރިއަށްދާއިރު، ޖަމާލުއްދީން ސްކޫލުގެ އަލަށް އިތުރުކުރެވޭ ބައިގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ޤާއިމްކުރެވޭ ސްކޫލްތަކުގެ ސަބަބުން އަތޮޅުތެރެއިން މާލެއަށް ބަދަލުވާ އާއިލާތަކުގެ ކުދިންނަށްވެސް މާލޭ ސަރަހައްދުގެ ސްކޫލުތަކުން ޖާގަ ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ