ގާސިމްގެ ތުހުމަތު ސަރުކާރަށް: ފަޅު ވިއްކުން ހުއްޓުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރާތީ

ގާސިމްގެ ތުހުމަތު ސަރުކާރަށް: ފަޅު ވިއްކުން ހުއްޓުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރާތީ

Author
ހުސެއިން
24 ޖޫން 2023 07:45
0

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވީ، ސަރުކާރު އަޑީގައި އޮވެގެން، އޭނާ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާތީ ކަމުގައި ގާސިމް ތުހުމަތު ކުރައްވައިފިއެވެ.

މިއަދު ބޭއްވުނު ޖުމުހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ ސުޕްރިމްކޯޓުންނާއި، އެންޓި ކޮރަޕްޝަންގެ ކޮމިޝަނުންވެސް ނިމިފަ އޮތް މައްސަލައެއްގެ، މީހަކު ލާ ސިޓީއަކަށް ފަޅު ވިއްކުން ހުއްޓުވިގެން ނުވާނެ ކަމުގައެވެ.

ސުޕްރިމް ކޯޓުން ނިމިފަ، އެންޓިކަރަޕްޝަން ކޮމިޝަނުން ނިމިފަ އޮތްކަމެއްގަ، އިތުރަށް ކޮންތާކުން ކާކު ލާ ސިޓީއެއްތޯ ބަލައިގަނެގެން ހުއްޓުވަން އޮތީ އެ ޕްރޮޖެކްޓު؟ ނުތަވަ އެ މައްސަލަ. ވިދާޅުވެބައްލަވާ. ކާކަށްތޯ ހުއްޓުވޭނީ؟ ރައީސުލްޖުމުހޫރިއްޔާއަށްވެސް ސުޕްރިމް ކޯޓުން ނިންމީމަ ދެން ރައްޔިތުންގެ މަޖިލީހަށްވެސް ނޯންނާނެ އޭގެ ބާރެއް. ގާނޫނުއަސާސީގަ އޮތްގޮތް އެއީ. އަޅުގަޑުގެ ވާހަކައެއް ނޫން އަޅުގަޑު މިދަންނަވަނީ. އެހެންވީމަ މިވަރުގެ ޖަރީމާ ހިންގީމަ ކަމަކު ނުދޭ. "އިޓް އިޒް ޓޫ މަޗް". "އިޓް އިޒް މޯ ދޭން އިނަފް". "ޔޫ ހޭވްޓު ގޯ ބެކް". މިހާރު ދާންވީ، ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މިބުނީ. މިހާރު ކަނޑާލަންވީ ގެއަށް.

ފަޅު ވިއްކާލުމަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށް ތުހުމަތު ކުރައްވާ، ރައީސް ސާލިހާމެދު އޮތް ހިންހަމަ ނުޖެހުން ފާޅު ކުރައްވަމުން ގާސިމް އިބުރާހިމް ވިދާޅުވިއެވެ.

ދެން މިނިސްޓްރީ އޮފް ޓުއަރިޒަމުން، އެބޭފުޅުން ހައްދަވާފަ އޮތް ގަވާއިދެއްގެ ތެރެއިންނޯ މިކަން މި ހިފަހައްޓަވަނީ. މިނިސްޓަރަށްވެސް، ޓުއަރިޒަމްގަ ތިއްބެވި ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ތަނެއް ވިއްކާލަން ހުށަހެޅީމަ..މީހަކު ރައިޓްސް ވިއްކާލަން ހުށަހެޅީމަ، އެބޭފުޅުން އިއުލާން ކުރީމަ 15 ދުވަހުގެ ތެރޭގަ.. 15 ދުވަސް ހަމަވި ދުވަހު ބޮމެއްހެން ވައްޓާލަނީ، މީހަކު ސިޓީއެއް. ވައްޓާލީމަ އަހަރުމެން މިތިބީ ތާށިވެފަ. ދެން އެޑީލު އަޅުގަޑުމެން އަތުން ގެއްލިގެން ދިޔަޔަސް މައްސަލައެއް ނެތް. މި ވައްޓާލި ސިޓީގަ އެއީ ރަށްވެސް، ހަގީގަތެއް ނެތަސް ވަރިހަމަ.

ގާސިމްގެ ފަޅު ވިއްކާލުމަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށް ތުހުމަތު ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.

މިއަދު އޮތް ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ކޯވިޑުގައި ދިމާވި ގޮންޖެހުންތަކުން އަދިވެސް އަރައި ނުގަނެވޭ ކަމަށާއި، ކުންފުނީގެ މުވައްޒަފުންނަށް މުސާ ދިނުމުގައިވެސް ވިލާ ކުންފުންޏަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަމުގައެވެ.

އެހެންނަަމަވެސް، ސަރުކާރުގެ ހުރިހާ މަރުހަލާއަކުން ނިމިފައި އޮތް ފަޅެއް ވިއްކަވާތީ، މީހަކު އޭސީސީއަށް ލީ ސިޓީއަކަށް، އެސިޓީގައި ބަޔާން ކޮށްފައި ހުރި ވާހަކަތަކުގެ ސައްޙަކަމަށްވެސް ބެލުމެއް ނެތި ފަޅު ވިއްކުން ހުއްޓުވައިގެން އުޅެނީ މި ސަރުކާރުންކަމަށް ތުހުމަތު ކުރައްވަމުން ގާސިމް ވިދާޅުވީ، އޭގެ ހަގީގީ ސަބަބަކީ އެނާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާތީ ކަމުގައެވެ.

ގާސިމް ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިސަރުކާރުން އޭނާއަށް ކަންކަމުގައި ދަތިކުރުމުން ދެން އަނެއްކާވެސް ދައުވާކޮށް، ކޯޓަށް ދިއުމުން، ލިބުނު ގެއްލުމަކާއި، "އެޅި ވޭނެއްގެ" ބަދަލު ލިބިގެންދާއިރު، އެފައިސާވެސް ދައުލަތުގެ ބަޖެޓުން ދައްކަން ޖެހުމުން އޭގެ ހުރިހާ ގެއްލުމެއް ލިބިގެންދަނީ ހަމަ ރައްޔިތުންނަށް ކަމުގައެވެ.

ދަތި ކުރީމަ މީ އަންނަ މައްސަލައަކީ.. އަނެއްކާވެސް މި ދައްކަންޖެހެނީ ދައުލަތުން އެ ފައިސާ. ދައްކަން ޖެހުނީމަ މީ އިހުސާންތެރިކަން ހުރި މީހަކު ދުވަހަކުވެސް ކުރާނެ ކަހަލަ ކަމެއްތޯ މިއީ؟ ރައްޔިތުން ދެކެ ކުޑަވެސް ލޯތްބެއް ހުރި މީހަކު ދުވަހަކުވެސް ކުރާނެ ކަމެއްތޯއޭ މިއީ؟ އަޅުގަޑު ހަމަގައިމުވެސް އަޅުގަޑު ފޮނުވަން ފޮނުވަންޖެހޭ ހުރިހާ ފަރާތަކަށް. ތިމަންނައަކަށް ނޭގެއެކޭ ނުބުނެވޭނެ އެއްވެސް މީހަކަށް. ސިޓީ އެންޓިކޮރަޕްޝަން ކޮމިޝަނަށް ފޮނުވާ ސިޓީ، މިނިސްޓްރީ އޮފް ޓުއަރިޒަމަށް ފޮނުވާ ސިޓީ، މި ހުރިހާ އެއްޗެއް ދާންވީ ހުރިހާ ފަރާތަކަށް އެބަ ފޮނުވަން. އަޅެ އެހާ ކަންބޮޑުވެގެން އަޅުގަޑުމެންނަށް މި ވިއްކާލުމުގެ ހުއްދަ ނުދީގެން މިދަނީ އަޅުގަޑު އެ ލާރި ނަގައިގެން އަޅުގަޑު މި ކޮންކަމެއް ކޮށްފާނެތީތޯ؟ އަޅުގަޑު ވެރިކަމަށް ކުރިމަތި ލައިގެން ރިޔާސީ ކެނޑިޑޭޓަކަށް ހުރީމާ އެޚަރަދު ކޮށްގެން އެކަން ކޮށްފާނެތީތޯ؟ ބަލަ އެލާރިވެސް އަޅުގަޑު ޚަރަދު ކުރީމާ ލިބެނީ ދިވެހި ރައްޔިތުންނަކަށް ނޫންތަ؟

ރައީސް ސާލިހާއިމެދު އޮތް ހިންހަމަނުޖެހުން ފާޅުކުރައްވަމުން ގާސިމް އިބުރާހިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، އޭނާ ހޯދާ ފައިސާއެއް ހޯއްދަވަނީ އަމިއްލަ މުދާ ވިއްކަވައިގެން ކަމަށާއި، ބޭރު މީހެއްގެ އަތުން ނުވަތަ އެހެން މީހެއްގެ އަތުން ނޫންކަމުގައެވެ. އަދި ގާސިމް ވިދާޅުވީ ޕްރޮޖެކްޓަކުން ނުހައްގުން ނުވަތަ މޭޒުދޮށަކުން ހޯދާ ފައިސާއަކުންވެސް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެއްވަނީ ލެޔާއި ދާ އޮހޮރުވައިގެން އަަމިއްލަ މަސައްކަތުން ހޯދާފަ ހުރި ފައިސާއަކުން ކަމުގައެވެ.

ގާސިމް އިތުރަށް ވިދާޅުވީ އަމިއްލަފުޅު ވެރިކަމެއްގަ އެންމެ ދުޝްމަން މީހާއަށްވެސް ލިބެން އޮތް އެއްޗެއް ނުހިފަހައްޓަވާނެ ކަމަށާއި، އަދި ވެރިކަމެއްގައި ދުޝްމަނަކު ނުވެސް ހުންނާނެ ކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.