ޖިނާއީ ޢަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޤާބިލުކަން ފުލުހުންގެކިބާގައި ޤާއިމުކޮށް، ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް (ޓެގު) ބޭނުންކުރަން މިއަދު ފަށައިފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމަށް ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމަލެއްނުވާނެކަމަށެވެ.
ޒަމާނީ ވަސީލަތްތަކާއެކު މިނިޒާމު މިއަދު ބޭނުންކުރެވެނީ މައިގަނޑުގޮތެއްގައި ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންކަމަށް ވިޔަސް، ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި ‘މޮނިކޮން’ ބޭނުންކުރެވޭނެ އިތުރު އިޖުރާއާތްތައް ތައާރަފުކޮށް، ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުން ކަމަށް އިމްރާން ވިދާޅުވިއެވެ.
ޤާނޫނީ ބާރުވެރިކަމާއި އެކު ޓެގު އަޅުވަން ފަށާފައިވާއިރު، ފުރަތަމަ ޓެގު އެޅުވީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ބަންދުން ދޫކޮށްލި އަހްމަދު އިސްމާއިލް (އަހަނދު) ފައިގައެވެ.
ރިލްވާނާއި ޔާމީންގެ މަރާ ގުޅިގެން، އަހުމަދު އިސްމާއިލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ. އެ ދެ ދައުވާއާ ގުޅޭ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. ސިއްރުން ކުރިއަށް ގެންދާ މި ޝަރީއަތްތަކުގައި ކޯޓުން މިދިޔަ ބުދަ ދުވަހު އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކުއެވެ.