ރޭޕްގެ ތުހުމަތު ކުރެވޭ ރިސޯޓު މުވައްޒަފުގެ ޕާސްޕޯޓު ހިފަހައްޓައިފި

ރޭޕްގެ ތުހުމަތު ކުރެވޭ ރިސޯޓު މުވައްޒަފުގެ ޕާސްޕޯޓު ހިފަހައްޓައިފި

Author
ހުސެއިން
23 ޖޫން 2023 06:10
0

އުމުރުން 26 އަހަރުގެ ޗައިނާ ފަތުރުވެރިޔަކު، ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އޭނާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ރިސޯޓު މުވައްޒަފުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ހާމަކޮށްފައިވަނީ އެ މައްސަލާގައި ޕާސްޕޯޓު ހިފަހައްޓާފައިވަނީ އުމުރުން 30 އަހަރުގެ ޒުވާނެއްގެ ކަމުގައެވެ. އަދި ޕާސްޕޯޓު ހިފަހައްޓާފައިވަނީ، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ކޯޓު އަމުރަކަށް އެދުމުން އިއްޔެ ކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.

ކ. އަތޮޅުގައި އޮންނަ އެ ރިޓްސް ކާލްޓަން ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕް ކުރި މައްސަލައެއް ޖޫން ހަ ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވެއެވެ. މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސުންކު (ސާމްޕަލް) ނަގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ޖޫން 18 ވަނަ ދުވަހު ބުނެފައެވެ.

އަދި، މިމައްސަލަ ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށް ވަރަށް ބޮޑަށް އައިސްފައިވަނިކޮށް ފުލުހުން އިނިރޭސިބަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމުގައެވެ.

ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އުމުރުން 26 އަހަރުގެ ޗައިނާ ފަތުރުވެރިޔާ މީސް މީޑިއާގައި ބުނީ އޭނާ ރާއްޖެ އައީ މި މަހުގެ ހަ ވަނަ ދުވަހު ޑައިވް ގުރޫޕަކާ އެކުގައި ކަމަށެވެ. އަދި ރާއްޖެ އައި ދަތުރުގައި ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ދިޔަ ކަމަށް ބުނެފައިވެއެވެ.

އެ އަންހެން މީހާ ބުނާ ގޮތުގައި އޭނާ ރޭޕް ކުރީ ރިސޯޓުގައި އޭނާ ހުންނަ ކޮޓަރިއަށް ކަނޑައަޅާފައި ހުރި ބަޓްލައެވެ. މި މައްސަލައިގައި އެ ރިސޯޓުން އެ އަންހެން މީހާ ޓްވިޓާގައި ހިއްސާ ކުރި ޕޯސްޓަށް ކޮމެންޓްކޮށް ބުނެފައި ވަނީ، މިފަދަ ތުހުމަތުތައް ސިރީއަސްކޮށް ބަލާނެ ކަަމަށެވެ. އަދި މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާއިރު، ތަހުގީގަށް އެއްބާރުލުން ދޭނެ ކަަމަށް ބުނެފައި ވެއެވެ.

ރޭޕްކެރެވުނު ކަމަށް ބުނާ އަންހެން މީހާ ވަނީ އިންސާފު ހޯދައިދިނުމަށް އެދި ރައީސް ސާލިހަށާއި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ސިޓީ ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.