ދޭން ވަޢުދުވި 350 ވަޒީފާގެ ތެރެއިން ދިނީ 40 ވަޒީފާ: އިލްހާމް

ދޭން ވަޢުދުވި 350 ވަޒީފާގެ ތެރެއިން ދިނީ 40 ވަޒީފާ: އިލްހާމް

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2023 02:38
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ގެނައުމަށް އެކުލަވާލި ކޯލިޝަން އެއްބަސްވުމުގައި ޖޭޕީއަށް ސަރުކާރުގެ 350 ސިޔާސީ ވަޒީފާ ދޭން އެއްބަސްވި ނަމަވެސް ދިނީ އެންމެ 40 ވަޒީފާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑެޓް ޤާސިމް އިބްރާހިމް ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޙަސަން ޝާހާއި ޖޭޕީގެ ކުރީގެ ކައުންސިލު މެންބަރުންތަކެއް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާ ގުޅުމުން ކުރެއްވި ޓުވީޓެއްގައެވެ.

އިލްހާމް ވިދާޅުވީ ޖޭޕީ ސްލޮޓްތަކުގައި ސަރުކާރުގެ މަޤާމްތަކުގައި ތިއްބެވި ބޭފުޅުން ޖޭޕީ ދޫކޮށް ވަޑައިގަތުމަކީ އާކަމެއް ނޫންކަމަށެވެ. އެއީ މިއަދަކު އެބޭބޭފުޅުން ނިންމެވި ނިންމެވުމެއްވެސް ނޫންކަމަށެވެ. މިދިޔަ ރަމަޟާން މަހުވެސް އެބޭފުޅުން ޖޭޕީ ދޫކުރެއްވިކަމަށް ސަރުކާރު ކޮންޓްރޯލްކުރާ ނޫސްތަކުން ބޮޑެތި ޚަބަރު ހެދިކަމަށެވެ.

ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަށް އަދިވެސްދަނީ ވަޒީފާގެ ބިިރާއި، ނުފޫޒް ފޯރުވަމުން. މިކަމަކީ އާ ކަމެއްނޫން. ކުރީގެ ސަރުކާރު ތަކުންވެސް ބަލިކަށިވެ، ގޮތްހުސްވީމަ، ރައްޔިތުން މާޔޫސްކުރުވަން މިފަދަ މީޑިއާ ސްޓަންޓް ޖައްސަވާ!

– އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވި ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ސަރުކާރުން ކަންކަން ނުކުރާކަމަށެވެ. ސިޔާސީ އެތައް ވަޒީފާތަކެއް ދޭން ވައުދު ވިނަމަވެސް ދިނީ މަދު ސްލޮޓްތަކެއްކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.

ސަރުކާރުގެ ތަފާތު ހިސާބްތަކުން ދައްކާގޮތުން ޖޭޕީގެ %25 ޝެއަރ އަށް 350 ސިޔާސީ މަޤާމް ދެއްވަންޖެހޭ! އަޅުގަނޑުމެންގެ ހިސާބް ދައްކާގޮތުންސަރުކާރުގެ ތިއްބެވި ބޭފުޅުންގެ އަދަދު 40 ވެސް ނާރާ. ސަރުކާރުން ކިތެއްމެ އުނދަގޫ، ދަތިހާލެއްޖެއްސިޔަސް، މާތް ރަސްކަލާންގެ ވާގިފުޅާއެކު މިޕާޓީ ދާނީ ކުރިއަށް. 2023 ކާމިޔާބް ކުރާނީ ރައްޔިތުންގެ ސީދާ ވޯޓުން. ހާސްކަނޑާލާ – ހަަމަޖެހޭނެ.

– އިލްހާމް ވިދާޅުވިއެވެ.

އިލްހާމް މިހެން ވިދާޅުވެފައިވާއިރު ޖޭޕީގެ ލީޑަރު ޤާސިމްވެސް ވަނީ ސަރުކާރުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.