އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި ބައްދަލުކޮށްފިއެވެ.
މިބައްދަލުވުމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި، ދެ ޕާޓީގެ އިސްވެރިން ބައިވެރިވެފައިވެއެވެ. މިބައްދަލުވުމުގައި ޕީޖީ އޮފީހުން ބައިވެރިވީ ޕީޖީ ހުސެއިން ޝަމީމެވެ. މިބައްދަލުވުމާއި ގުޅޭ މާބޮޑު ތަފްސީލެއް ހާމަ ނުކުރި ނަމަވެސް މިބައްދަލުވުމަކީ ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކާއި ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށް ވަނީ ބުނެފައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި މައްސަލާގައި ކުރީގެ ރައީސް ޔާމީނާއި ފުލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމްތަކުގެ އިސްތިއުނާފް ޝަރީއަތް އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާގައި ވެސް އޮންނާނެ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ.
ޔާމީންގެ ފަރާތުން ދަނީ އިސްތިއުނާފު ޝަރީއަތް އަވަސް ކޮށްދިނުމަށް އެދެމުންނެވެ. އިއްޔެ އޮތް މައްސަލައިގެ އަޑުއެހުން ނިންމާލުމުގެ ކުރިން ވެސް ޔާމީންގެ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވަނީ މިއަދު އަޑުއެހުމެއް ބާއްވައި ދިނުމަށް އެދިފައެވެ.
ނަމަވެސް އިއްޔެ ކުރިއަށް ގެންދިޔަ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވީ ޝަރީއަތްތައް ދުރާލައި ތާވަލްކޮށްގެން ކުރިއަށް ގެންދާ ކަމަށެވެ. ދެން އޮންނާނީ އިސްތިއުނާފީ ހުށަހެޅުންތަކަށް ދައުލަތުން ޖަވާބު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
Raees Yameen ah kuraa aniyaa aa dhekolhah PPM PNC ge leadership Prosecutor General Office ah vadaigathun #FreePresidentYameen pic.twitter.com/rmnjoMLY6D
— Progressive Party of Maldives (@ProgressPartyMV) June 22, 2023
ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް "ވަގުތު" އަށް ވިދާޅުވީ އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ވެސް އެހެން މައްސަލަތަކެކޭ އެއްގޮތަށް ކުރިއަށް ތާވަލްކުރާ ކަމަށާއި ބޮޑު އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާގައި އެމައްސަލަ ކުރިއަށް ގެންދަން ތާވަލް ކޮށްފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި އޮތް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި އޮތް ރ.ފުއްގިރި މައްސަލަ ވެސް އީދު ބަންދަށް ފަހު ކުރިއަށް ގެންދަން ތާވަލް ކޮށްފައި އެބައޮތެވެ. އެމައްސަލަ ތާވަލް ކޮށްފައި ވަނީ ޖުލައި މަހުގެ 02 ވަނަ ދުވަހާއި 03 ވަނަ ދުވަހަށެވެ.