އައްޑޫ ހިތަދޫ މެދުދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެއްޖެއެވެ. އެމްޑީޕީން ވަކިވިކަން ހާމަކޮށް މެމްބަރު ރަޝީދު އެމްޑީޕީގެ ޗެއަރޕާސަންއަށް ފޮނުއްވި ސިޓީގައި އޭނާ އެމްޑީޕީން ވަކިވާން ނިންމި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާއަކީ ފާއިތުވެދިޔަ ތަނުގައި އެމްޑީޕީގައި ނަޝީދުގެ ފެކްޝަންގައި މަސައްކަތް ކުރަމުން އައި މެމްބަރެކެވެ. އެމްޑީޕީގެ ފާއިތުވި ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދު ކޮށްފައިވަނީވެސް ނަޝީދުއަށެވެ.
މެމްބަރު ރަޝީދު އެމްޑީޕީން ވަކިވެފައިވާއިރު އޭނާ ހިމެނިގެންދިޔައީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާއެކު އެޕާޓީ ދޫކުރި، ރައްޔިތުންގެ މަޖިލިހުގެ 14 ވަނަ މެމްބަރު ކަމުގައެވެ. 13 މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ 1 މެމްބަރަކު އެޕާޓީން ވަނީ ވަކިކޮށްފައެވެ. އެއާއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް މިއަދު ވަނީ އެޕާޓީން ވަކިވެފައެވެ. މިގޮތުން، އެމްޑީޕީގެ އެތެރޭގައި އުފެދުނު ބައިބައިވުންތަކުގައި އެޕާޓީ ދޫކޮށްދިޔަ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު 15 އަށްވަނީ އަރާފައެވެ.
Miadhu MDP in alhugandu vakivejje in pic.twitter.com/kDcIZN6t4D
— Ahmed Rasheed (@AraairuRasheed) June 21, 2023
އެމްޑީޕީ ދޫކޮށްދިޔަ މެމްބަރުން މިހާރުދަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަ މަސައްކަތް ކުރަމުންނެވެ. އަދި އެޕާޓީން ބުނެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ކެނޑިޑޭޓަކު ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަމުގައެވެ. ބެލެވޭ ގޮތުގައި އެ ކެނޑިޑޭޓަކީ އެމްޑީޕީން މިއަދު ވަކިވެވަޑައިގެންނެވި، އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.
Miadhu alhugandu MDP in vakivejje in pic.twitter.com/WSRDnCfHBH
— Mohamed Nasheed (@MohamedNasheed) June 21, 2023
އެމްޑީޕީން ވަކިކޮށްދިނުމަށް އެދި ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން އަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާ އެމްޑީޕީގައި މިވަގުތު ހުރުން އެއީ އެންމެ ރަގަޅު ގޮތްކަމަށް ނުދެކޭތީ އެމްޑީޕީން ވަކިވާން ނިންމީ ކަމުގައެވެ.
ކޮމެންޓު ފޮނުވާ