ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމް.ޑީ.ޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ދަ ޑިމޮކްރެޓިސް އުފެއްދުމުގެ ހުއްދަ ދިނުމަށް މިއަދު ބޭއްވުމަށްމަސައްކަތް ކުރި ޖަލްސާގެ ކޯރަމް ހަމަނުވެ ޖަލްސާ ނުބޭއްވުނެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ކޮމިޝަންގެ މިއަދުގެ ޖަލްސާ 11 ޖަހާއިރު ބާއްވާން އެޖެންޑާ ކޮށްފައި ވީނަމަވެސް މިވަގުތު މާލޭގައި ތިއްބެވި 4 މެމްބަރުންގެ ތެރެއިން ޖަލްސާއަށް ވަޑައިގެންނެވީ 2 މެމްބަރުން ކަމަށެވެ. ޖަލްސާއަށް ވަޑައިގެންނެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި، ނައިބް ރައީސް އިސްމާއިލް ހަބީބެވެ. މިދެބޭފުޅުންނަކީ ޑިމޮކްރެޓްސްއަށް ހުއްދޭން އެންމެފަހުން ބޭއްވި ބައްދަލުވުމުގައިވެސް ތާއީދު ކުރެއްވި މެމްބަރުންނެވެ.
މިއަދުގެ ބައްދަލުުމަށް ވަޑައި ނުގަންނަވީ ކުރީ ޖަލްސާގައިވެސް ޑިމޮކްރެޓްސް އުފެއްދުމަށް ތާއީދު ނުކުރި ކޮމިޝަންގެ މެމްބަރުން ކަމުގައިވާ އަލީ ނަޝާތާއި މުހައްމަދު އާސިފެވެ. މިދެބޭފުޅުން ޖަލްސާއަށް ވަޑައި ނުގެންނެވީ ކޮރަމް ހަމަވެދާނެތީ އެޖާ ނުދިނުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިދެބެފޭފުޅުން ކޮމިޝަންގެ ތެރޭގައި މިހާރު މަސައްކަތް ކުރާ ގޮތާއިމެދު ކޮމިޝަންގެ ރައީސްގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ޚާއްސަކޮށް ރިޔާސީ އިންތިޚާބު ބޯމަތިވެފަ އޮއްވާ ބައްދަލުވުންތަކަށް ނާންނާތީ ކޮމިޝަންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަށެވެ. ޕާޓީ އުފެއްދުމަށް 3،600 މީހުންގެ ފޯމާއިއެކު އިލެކްޝަނަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހުއެެވެ.
ފުއާދު ވިދާޅުވީ، ކޮމިޝަންގެ ބައެއް މެމްބަރުން އޭނާ ހުންނެވީ ވަކި ބައެއް ނުފޫޒެއްގެ ތެރޭގައި ތުޙުމަތު ކުރައްވާކަމަށެވެ. ނަމަވެސް ފުއާދުވަނީ ކޮމިޝަންގެ ރައީސްގެ ޙައިސިއްޔަތުން މިހާތަނަށްވެސް އަދި ކުރިއަށް އޮތް ތާނގައިވެސް މަސައްކަތް ކުރައްވާނީ ވަރަށް މިނިވަން ކަމާއިއެކުގައި ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވަން ނިންމާފައިވާއިރު އެމްޑީޕީގައި މަޑުކޮށްގެން ހުންނެވި ނަޝީދު އުފައްދަވަން މަސައްކަތް ކުރާ ޕާޓީން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ ނަޝީދު ބަލިކޮށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.