ލަލީގާގެ މެޗުތަކަަށް އަންނަ މަހު ސަޕޯޓަރުން ވައްދަނީ

ލަލީގާގެ މެޗުތަކަަށް އަންނަ މަހު ސަޕޯޓަރުން ވައްދަނީ

Author
އިބްރާހީމް ސާޢިދު
03 ޑިސެމްބަރ 2020 11:01
0

ސްޕެނިޝް ލީގުގެ މެޗުތަކަށް އަންނަ މަހު ސަޕޯޓަރުން ދަނޑަށް ވެއްދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ސްޕެއިންގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވީ ސްޕެއިންގައި ސަޕޯޓަރުން ދަނޑުތަކަށް ވެއްދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ސްޕެއިންގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ ހަފްތާގެ ތެރޭ ސަޕޯޓަރުން ދަނޑުތަކަށް ވަންނަން ކަނޑައަޅާ އުސޫލުތައް އާންމުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އުންމީދަކީ ފުޓްބޯޅަ އިންޑަސްޓްރީ އަށް މިހާރު ލިބެމުން އަންނަ މާލީ ގެއްލުންތަކަށް ވީހާ ވެސް އަވަހަށް ހައްލެއް ހޯދުން ކަމަށް ސްޕެއިންގެ އޮފިޝަލުން ބުނިއެވެ.

ސްޕެއިންގެ ފުޓްބޯޅަ ތަޖުރިބާކާރަކު އެ ގައުމުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަށް ފެނިފައިވާ ބައެއް ލިޔެކިއުންތަކުގައިވާ ގޮތުން ސްޕެއިންގެ ކޮންމެ ކްލަބެއްގެ އަތުން ސަޕޯޓަރުން ނުވައްދާ ކޮންމެ މެޗެއްގައި ފަސް މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާގެ ގެއްލުން ވެއެވެ. ސްޕެނިޝް ލީގުގެ 20 ކްލަބުގެ އާމްދަނީ އަށް ސަޕޯޓަރުން ދަނޑަށް ނުވެއްދޭތީ ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް

ކޮވިޑް-19 ގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ޔޫރަޕްގެ އެކި ގައުމުތަކުގައި އަންނަނީ ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ މަސައްކަތް ފަށަމުންނެވެ. އެ ގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ގައިދުރުކަން ބަހައްޓައިގެން މެޗުތައް ބަލަން ވަކި އަދަދަކަށް ސަޕޯޓަރުން މިހާރު ވެސް ވަދެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގެ މެޗުތަކަށް ސަޕޯޓަރުން ވަންނާނެ އެވެ. އެ ގޮތުން ހުއްދަދީފައި ވަނީ އެ ކްލަބެއް ނިސްބަތްވާ ސަރަހައްދެއްގައި ކޯވިޑްގެ ހާލަތު އޮތް މިންވަރަށް ބަލައި 2000-4000 ދެމެދުގެ އަދަދުގެ ސަޕޯޓަރުން ދަނޑަށް ވެއްދުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.