ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެޕާޓްމަންޓުތަކުގެ ވެރިފަރާތް ކޮށްފައިވާ 200،000 ރުފިޔާގެ ޖޫރިމަނާކޮށް އަދި ދެ އެޕާޓުމަންޓު ކުރިން ހުރިގޮތަށް އަލުން ބަދަލު ކުރުމަށް އަންގާފައިވާނެ ކަމަށާއި، އަދި މިކަމަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް އެޕާޓްމަންޓުގެ ވެރިފަރާތުން އެދިފައިވާކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ބުނެފައިވަނީ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފުލެޓުގެ ވެރިފަރާތުން އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި ހިމަނާފައިވާ ސަބަބުތަކަށް ބަލާ އިތުރު 7 ދުވަހުގެ ފުރުސަތެއް ޔުނިޓްތަކަށް ގެނެސްފައިވާ ބަދަލުތައް ހައްލު ކުރުމަށް ދީފައިވާކަމަށްވެސް އާބަންކޯއިން ބުނެފައި ވެއެވެ.
އަދި މި މުއްދަތުގެ ތެރޭގައި އެފަރާތުން އެ މަސައްކަތް ފަށާފައި ވާތީ، ފުލެޓް އަތުނުލުމަށް މިހާރު ނިންމާފައިވާކަމަށް އާބަންކޯއިން ބުނެފައި ވެއެވެ.
އެހެންނަމަވެސް، އެޕާޓްމަންޓްތައް އަތުނުލުމަށް ނިންމާފައިވި ނަމަވެސް ކޮށްފައިވާ ޖޫރިމަނާއަށް އެއްވެސް ލުއެއް އެކޯޕަރޭޝަނަކުން ނުދޭނެކަމަށް އާބަންކޯއިން ބުނެފައި ވެއެވެ. އާބަންކޯއިން ބުނެފައިވަނީ، އެކޯޕަރޭޝަނުން މަސައްކަތް ކުރަމުން މިދަނީ މިފަދަ ކަންކަން ތަކުރާރުވެ ނުދިއުމަށް ކަމަށާއި، އަދި އެކޯޕަރޭޝަންގެ އެދުމަކީ މީޑިއާތަކުން ވެސް މި ފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ބާރުދެއްވުމަށް ކަމަށެވެސް ބުނެފައި ވެއެވެ.
ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އާބަންކޯއަށް ލިބުމާއިގުޅިގެން، އަކަން ބެލުމަށްފަހު އެޕާޓްމަންޓުގެ ސްޓަރކްޗަރއަށް ބަދަލު ގެނައި ފަރާތްތަކަށް އާބަންކޯއިން ފިޔަވަޅު އަލާފައިވަނީ ފާއިތުވި މޭމަހުގެ 5 ވަނަ ދުވަހުއެވެ.
އަދި މިއެޕާޓްމަންޓުތަކުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އެކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް، ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމުގައިވެސް އާބަންކޯއިން ބުނެފައި ވެއެވެ.
މިގޮތުން މި މައްސަލަ ބެލުމަށް ފަހު މިއިން ކޮންމެ އެޕާރޓްމަންޓެއްވެސް، 100،000ރ އިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އާބަންކޯއިން އެންމެ ފުރަތަމަ އަންގާފައި ވެއެވެ. އެހެންނަމަވެސް މި އެޕާޓްމަންޓުތަކުގެ ވެރިފަރާތުން ޖުރިމަނާ ދައްކާފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ