ސައުދީ އަރަބިއާގެ ފްލައިނާސް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ސައުދީ އަރަބިއާގެ ފްލައިނާސް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

Author
ހުސެއިން
20 ޖޫން 2023 05:55
0

ސައުދީ އަރަބިއާގެ އެއާލައިން އަދި މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިން ފްލައިނާސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ހެނދުނު 8:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާއިރު، އެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓް އެއް ވަނީ ދީފައެވެ. ފްލައިނާސްގެ ފުރަތަމަ ފްލައިޓުން 00 ފަސިންޖަރުން އައިސްފައިވެއެވެ.

ފްލައިނާސްގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.އަބްދުﷲ މައުސޫމް، ސައުދިއަރަބިއްޔާއިން ރާއްޖެއަށް ކަޑައަޅުއްވާފައިވާ ސަފީރު، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، މަހްޖޫބު ޝުޖާއުގެ އިތުރުން ފަލައިނަސްގެ ސޭލްސް ވައިސް ޕްރެޒިޑެންޓް އަދި ކުންފުނީގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި މީޑިއާއި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ސައުދީ މާކެޓަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ރާއްޖޭގެ އެހެން އެއާޕޯޓުތަކަށްވެސް ފްލައިނާސްގެ އިތުރުން އެހެން އެއާލައިންތަކުން ދަތުރުތައް ކުރުމަށް މަޝްވަރާކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ސަބަބުން މުޅި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފްލައިނާސް ސޭލްސްގެ ނައިބު ރައީސް، އަލެއިޑީ އަބްދުލެލައް ސުލައިމާން ވިދާޅުވީ ދިވެހިރާއްޖެއަށް ފްލައިނާސްގެ ސީދާ ދަތުރުތައް ފެށުމަކީ އެ އެއާލައިން އިން ހިންގަމުން އަންނަ އެކްސްޕޭންޝަން ޕްލޭން އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.

ފްލައިނަސްއިން ރިޔާދް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު 3 ދަތުރުކުރުމަށް ވަނީ ރާވާފައެވެ. މި ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރުމަށް ބޭނުންކުރާނީ 170 މީހުންގެ ޖާގައިގެ އެއަރބަސް 320 ނިއޯ އެވެ. ފްލައިނާސް އިން ދުބާއީ، އިސްތަންބޫލް އަދި ދޯހާ ގެ އިތުރުން ދުނިޔޭގެ މަޤްބޫލް 38 މަންޒިލަކަށް މިހާރު ވެސް ދަތުރުތައް ކުރެއެވެ.

އެމްއެއޭސީއެލްއިން ބުނެފައިވަނީ، އެމެރިކާގެ ވާޖިން އެޓްލާންޓިކް އެއާލައިން އިންވެސް މި އަހަރުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައިވާކަމުގައެވެ. ފްލައިނާސް އެއާލައިން ރާއްޖޭގެ މާކެޓަށް ތައާރަފްކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަރާތްތަކަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދިއުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ފައިދާތަކެއް ކުރާނެކަންވެސް އެކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.

2007 ވަނަ އަހަރު ފްލައިނާސް އުފެދުނީއްސުރެ އެ ކުންފުނިން ވަނީ 60 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން އުފުލާފައެވެ. މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިންގެ ސްކައިޓްރެކްސް އެވޯޑް ޖެހިޖެހިގެން ފަސް އަހަރު (2017، 2018، 2019 އަދި 2021) ފްލައިނާސް އަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ފްލައިނާސް ވަނީ ދުނިޔޭގެ ފެންވަރުގައި އޭވިއޭޝަން އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި ފޯރަމް ކަމަށްވާ ސްކައިޓްރެކްސްގެ ދުނިޔޭގެ އެންމެ އަގުހެޔޮ 10 އެއާލައިންގެ ތެރޭގައި ހިމެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.