ހުޅުމާލެއަކި ސްމާޓް ސިޓިއަކަށް ބަދަލުކުރުމަށް އާބަންކޯއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކިގެ ތެރެއިން ސްމާރޓްކޮމްއިން ހުޅުމާލޭގައި، ލޯރާވޭން އައި.އޯ.ޓީ ސެންސަރ ނެޓްވޯކެ ޤާއިމުކޮށްފިއެވެ.
އާބަންކޯއިން ބުނެފައިވަނީ، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ޤާއިމުކުރަމުން ދާ އެންމެ ފުރިހަމަ އައި.އޯ.ޓީ ނެޓްވާކްގެ ބާވަތެއް ކަމުގައެވެ. މިގޮތުން މިނެޓްވޯކުގެ ޚާއްޞަކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، ކަވަރޭޖު ބޮޑުވެފައި، ޑޭޓާ ބޭނުންކުރާ ވަރު މަދުވެފައި ޑިވައިސްތަކުގެ ބެޓެރީގެ ޢުމުރު ދިގުވުމެވެ.
އާބަންކޯއިން ބުނެފައިވަނީ، ޢާއްމުގޮތެއްގައި މިފަދަ ސެންސައެއްގެ ބެޓެރީގެ ޢުމުރަކީ 5 އަހަރާއި 7 އަހަރުކަމުގައެވެ. އަދ މިއީ ޑިވައިސްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހަކަމެކަންވެސް އާބަންކޯއިން ފާހަގަ ކޮށްފައި ވެއެވެ.
އާބަންކޯއިން ބުނެފައިވަނީ، ސްމާރޓްކޮމް ގެ އުއްމީދަކީ ރައްޔިތުންނަށް ފަސޭހަވާފަދަ ސްމާޓް ޚިދުމަތްތައް ތަޢާރަފުކުރުން ކަމުގައެވެ. އަދި ރައްޔިތުންނާއި އެންމެ ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކުންފުނީގެ އިންފްރާސްޓަރަކްޗަރ ހުޅުވާލައި، ސްމާޓް ސޮލިއުޝަންތަކެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމެވެ.
އާބަންކޯއިން ފާހަގަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ ރައްޔިޔުންގެ ދިރިއުޅުން ހިތްފަސޭހަކުރުމަށް އިންގިލާބީ ބަދަލެއް ގެނައުމަށް އެކުންފުނިން ކުރާ ބިޔަ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ބްރޭންޑަކީ ސްމާޓްކޮމް ކަމުގައެވެ. އާބަންކޯއިން ބުނެފައިވަނީ، ވަޔަލެސް އައި.އޯ.ޓީ ސެންސަރ ނެޓްވޯކްއަކީ، ސްމާރޓް ސިޓީއެއްގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި އަސާސީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް މުޅި ހުޅުމާލެ ކަވަރުކުރާގޮތައް ޤާއިމު ކުރެވިފައިވާ ނެޓްވާކެއް ކަމުގައެވެ.
އައި.އޯޓީ ސެންސަރ ނެޓްވާކެއް މުހިއްމުވަނީ ކީއްވެ؟
ދާދިފަހުން ހުޅުމާލޭ ހިޔާ ފްލެޓް ތަކުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކަށް ބަލައިލަމާ ތޯއެވެ. މިފަދަ ހާދިސާތައް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާއަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އަވަސްމިނެއްގައި އިތުބާރު ހިފޭގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށް ވީހާވެސް އަހަށް އެކަމަށް އިޖާބަދިނުމެވެ.
މިކަމުގައި އާއްމު ފަރާތްތަކުން ރިޕޯޓުކުރަންވާއިރަށް އަލިފާނުގެ ޙާދިސާއެއް އެސްކަލޭޓު ވެގެން ދާން އެލިބޭ ވަގުތު އެއީ ވަރަށް މުޙިއްމު ވަގުތު ކޮޅެކެވެ. އަލިފާނުގެ ޙާދިސާތައް ދެނެގަތުމަށް ބޭނުން ކުރާ އެލާމްސިސްޓަމްތައް ގިނަފަހަރަށް ބެލެހެއްޓުންވެސް ވެފައިވަނީ ތަކުލީފު ބޮޑު މަސައްކަތަކަށެވެ. ދެން އޮތީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އިންޓަނެޓަށް ބަރޯސާވާ ސެންސަރ އެއް ހަރުކުރުމުން އިންޓަނެޓް ނުހުންނަ ވަގުތަކުގައި އޭގެ އިތުބާރު ހިފޭނެ މިންވަރާ ގުޅޭ ސުވާލެވެ. މިފަދަ ކަންކަމަށް ހައްލެއް ހޯދައިދެނީ އެކަމަށް ޚާއްޞަކޮށް ޤާއިމުކުރެވޭ ނެޓްވޯކަކުންނެވެ.
މިގޮތުން މިހާރު ހުޅުމާލޭގައި ސްމާރޓްކޮމް އިން ޤާއިމުކޮށްފައިވާ ވަޔަލެސް ސެންސަރ ނެޓްވޯކަކީ މިފަދަ ސެންސަރތަކަށް ޚާއްޞަ ނެޓްވޯކެކެވެ. އަލިފާނުގެ ޙާދިޘާތައް ދެނެގަތުމުގައި ކަމާބެހޭފަރާތްތަކަށް އިތުރު ފަސޭހަކަމާއި އަވަސްކަމެއް މިފަދަ ނިޒާމެއްގެ ތެރެއިން ފަހިކުރެވިދާނެއެވެ.
އައި.އޯ.ޓީ ސެންސަރ ނެޓްވާކެއް ޤާއިމުކުރުމުން ހުޅުވިގެންދާ ދޮރުތައް
މިފަދަ ނެޓްވޯކެއް ޤާއިމުކުރުމުގެ ސަބަބުން އީޖާދީ ވިސްނުންތަކާއި އިތުރު ސްމާޓް ޓެކްނޮލޮޖީތަކަށް މަގުފަހިވެގެން ދެއެވެ. ކޮލެޖެއް ނުވަތަ ޔުނިވާސިޓީގެ ދިރާސާތަކަށް މިނެޓްވޯކް ބޭނުން ކުރެވިދާނެއެވެ. އަދި ހަމައެހެންމެ، ސިޓީއަކަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށް އެކި ދާއިރާތަކުން ސްމާޓް ސޮލިއުޝަންތައް ތަޢާރަފްކުރުމަށް މިފަދަ ނެޓްވޯކެއް ބޭނުން ކުރެވިދާނެއެވެ. ގަސްހެއްދުމާއި ގަސްތަކަށް ފެންޖެހުމަށް ކުރާ މަސައްކަތްތައް ސްމާޓް އިރިގޭޝަންގެ އެހީގައި ލުއި ކުރެވިދާނެއެވެ. މަގުމަތީގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތައް ދެނެގަތުމަށް ސްމާޓް ޓްރެފިކް މޮނިޓަރިން ބޭނުން ކުރެވިދާނެއެވެ.
އެއްގަމު އުޅަނދުފަހަރު ޓްރެކްކޮށް ބެލެހެއްޓުމާއި ވެއާހައުސް މެނޭޖުކުރުމަށް ސްމާޓް އެސެޓް މޮނިޓަރިން ބޭނުން ކުރެވިދާނެއެވެ. ކޮންސްޓްރަކްޝަން މަސައްކަތްކުރާ މަސައްކަތްތެރިންގެ ރައްކާތެރިކަން ދެނެގަތުމަށް ސްމާޓް ސޭފްޓީ ބޭނުން ކުރެވިދާނެއެވެ. މީގެ އެހީގައި ރައްކާތެރިކަމުގެ ހެލްމެޓް ނުވަތަ ވަޞީލަތްތައް ބޭނުން ނުކުރާ މަސައްކަތްތެރިން ދެނެގަނެ ޒިންމާދާރުކުރުވިދާނެއެވެ. ރަށުތެރޭގެ ކުނިބުނި މެނޭޖުކުރުމާއި އަޑުގަދަވުމާއި މިބާވަތުގެ އެތައް މައްސަލަތަކެއް ހައްލުކުރުމަށް ބޭނުންކުރަންޖެހޭ އެތަކެއް ސަތޭކަ ސެންސާތަކެއް ވަރަށް ފަސޭހަކަމާއެކު މިފަދަ ނެޓްވޯކަކާއި ގުޅާލެވިދާނެއެވެ.
މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތައް
ހުޅުމާލޭގައި ދިމާވާ އެންމެ ބޮޑު އެއްމައްސަލަ އަކީ ޢާއްމު ސަރަޙައްދުތަކަށް ކުނިއެޅުމުގެ މައްސަލައެވެ. ޚާއްޞަކޮށް މޫދުކައިރި އާއި އަތިރިމަތީގައި ކޮތަޅާއި، ފުޅި ދަޅު އަދި ނެޕީ ފަދަ ކުނި އުކާލާފައި ހުންނަ ހުރުމަކީ ލަދުވެތި ކަމެކެވެ. ހުޅުމާލޭ އޮޕަރޭޝަންސް ސްޓާފުން ފާހަގަ ކުރައްވާގޮތުގައި ބަރާބަރަށް ޑަސްބިންތައް ބޭނުން ނުކުރުމާއި އަދި ފުރޭ ޑަސްބިންތައް ދެނެގަނެ ވީހާވެސް އަވަހަށް އެޑަސްބިންތައް ހުސްކުރުން ވެފައިވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.
މިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސްމާޓްކޮމް އިން މިވަނީ ޑަސްބިންތައް "ސްމާޓް" ކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ކަމާގުޅޭ މުވައްޒަފުންނަށް މި ޑަސްބިންތައް ބޭނުންކުރާގޮތުގެ ތަފާސްހިސާބު ބަލާލެވެއެވެ. އެންމެގިނައިން ފުރޭ ބިންތަކާއި ފުރޭ ދުވަސްތަކާއި ފުރޭ ވަގުތުތައް ފަސޭހަކަމާއެކު ދެނެގަނެވެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި ހިތްފަސޭހަ ތަނަކަށް ހުޅުމާލެ ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާ ކަމެކެވެ.
ކޮމެންޓު ފޮނުވާ