ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑަނާޅައި، އަނެއްކާވެސް މަޖިލިސް ޖަލްސާ ހުއްޓުމަކަށް ގެނެސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައި ނޯޓިސް ދީފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތެއް އީވާއަކަށް ނެތެވެ. އޭގެފަހުން ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުވެރިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެކޮޅު ހަދަމުންނެވެ.
މިއަދު މަޖިލިހުގެ އިދާރާ އަށް ނަޝީދު ވަޑައިގެން އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުންނާ އެކު ކުޑަދަށުގައި އިންނަވަނިކޮށް ފެނުނެވެ. މީގެ ކުރިން ވެސް މަޖިލިސް ހުއްޓުމަކަށް ގެނެސް ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތް އިރު ވެސް ނަޝީދު މަޖިލިހުގެ އިދާރާގެ ކުޑަދަށުގައި މިހެން އިންނަވާ ފޮޓޯތައް ވަނީ އާންމުވެފައެވެ.
މަޖިލިހުގެ ޖަލްސާ މިއަދު ނެތް ނަމަވެސް އިދިކޮޅުގެ މެމްބަރުން މިއަދު ވަނީ މަޖިލިހުގެ އިދާރާ އަށް ރަސްމީކޮށް ވަޑައިގެންފައެވެ. އެ ބޭފުޅުން ވަޑއިގެން މިހާރު ގެންދަވަނީ މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވަނީ އިިދިކޮޅުގެ މީޑިއާ ބްރީފިން ފެށުމުގެ އިރުކޮޅެއް ކުރިން މަޖިލިހުގެ އިދާރާ އިން ވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހެޅިއްޖެ ހާލަތުގައި މަޖީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ރައީސް މިކަމުގައި ވިދާޅުވެފައިވަނީ މިމައްސަލަ ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އުޒުރުވެރިވެ ވަޑައިގަންނަވާކަމަށެވެ. މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ތާއީދާއެކުއެވެ.
މިމައްސަލަ ވައްދާފައި ވަނިކޮށް، އެމްޑީޕީގެ ޕީޖީ ގްރޫޕުން އިސްނަންގަވައިގެން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ 54 މެމްބަރުންގެ ސޮޔާއިއެކު ވައްދާފައެވެ. ރައީސް ނަޝީދު ދެކެވަޑައި ގަންނަވާ ގޮތުގައި މަޖިލިސް ހުއްޓުމަކަށް އަންނަ ހިސާބަކީ މިއީއެވެ. މަޖިލީހުގެ ރައީސާއި، ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ ހުށަހެޅުމަކީ އެމަނިކުފާނު ދެކެވަޑައި ގަންނަވާ ގޮތުގައި ސަރުކާރުން މަޖިލިސް ހުއްޓުވުމަށް ބޭނުންވެގެން ކުރެއްވި ކަމެކެވެ. ރައީސް ނަޝީދު ވަނީ މި ދެމައްސަލައިގެ ތެރެއިން އެއް މައްސަލަ ނަންގަވައި މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދެވުމަށް ސަރުކާރަށް ދަންނަވާފައެވެ.
One Response
އެކަމަކު ރައީސް އިބޫގެ ބޮލުގަ އަޅުވަނީ. މަޖިލީސް ހުއްޓުވީ އިދިކޮޅޭމެން އަންނިއާ ގުޅިގެންކަން ރައްޔިތުންނަށް ވަރަށް ސާފު.