އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާފައި ހުންނާނީ 26 ޖޫންގައިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ވިދާޅުވެއްޖެއެވެ.
އެމް.އެމް.އޭއިން މިގޮތަށް ނިންމެވުމާއި ގުޅިގެން އަޟްޙާ އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އަދި އިސްލާމިކް ބޭންކްވެސް ހުޅުވާނީ 26 ޖޫން ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަކަށެވެ.
ބަންދު ދުވަސްތަކުގައި، އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ޚިދުމަތް ހޯދުމަށް ބީ.އެމް.އެލްއާއި އަދި އިސްލާމިކް ބޭންކުންވެސް ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ. ބޭންކް ބަންދުވި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެކަމަށް ބޭންކުން ބުނެއެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ޤާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.
މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ. އަދި ޢީދު ބަންދާއި ގުޅިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދެވެ.