ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބަލިކުރާނެކަމަށް ދަ ޑިމޮކްރެޓްސްގެ ލީޑަރޝިޕުން ބުުނެފިއެވެ.
ޑިމެކްރެޓްސް އުފައްދަން ބޭނުންވާ 3000 ސޮޔާއަކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޖޫން 1، ގައެވެ. މިއަދު އެ ޕާޓީން އެ ކޮމިޝަނަށް ދިޔައީ ޕާޓީ އުފައްދަން ބޭނުންވާ ހުއްދަ ލަސްވާތީ އެވެ. ޑިމޮކްރެޓްސްގެ ފަރާތުން ކޮމިޝަނަށް ގޮސް ތިބި މީހުންނާ މުހާތަބު ކުރަމުން ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ދެ މެމްބަރުން ބޭނުންވަނީ ޑިމެކްރެޓްސް އުފައްދަން ހުއްދަ ދިނުން ތިން މަހަށް ދަންމާލަން ކަމަށެވެ.
ފުއާދު ވިދާޅުވީ ޑިމޮކްރެޓްސް އުފައްދަން ހުއްދަ ދިނުމާ ގުޅޭ ގޮތުން ވޯޓެއް ނެގުމުން ވަޑައިގެންނެވި ހަތަރު މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ހުއްދަ ދޭން ވޯޓު ދިން ކަމަށެވެ. ދެކޮޅު ހެދި ދެމެމްބަރުންނަކީ ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ އަލީ ނަޝާތާއި މުހައްމަދު އާސިފެވެ.
ކޮމިޝަންގެ ނިންމުމާއިއެކު ޑިމޮކްރެޓްސްގެ އިސްބޭފުޅުން ވަނީ އެމްޑީޕީގެ ކުރީގެ ހަރުގެކައިރިއަށް އެއްވެ، އަޑު އުފުލާފައެވެ. ޖަލްސާއެއް ގޮތަށް ކުރިއަށް ދިޔަ މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލި އާޒިމް ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދީ ނުހިފެހެއްޓޭނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ސަރުކާރުގެ ނުފޫޒަށް ބިރުން ތިއްބެވި މެމްބަރުން ކިތަންމެ ދެކޮޅު ހެދި ނަމަވެސް މިވެރިކަން ބަދަލު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ޕާޓީ އުފެއްދުމަށް ދޭންޖެހޭ ހުއްދަ ދެންދެން އިލެކްޝަނަށް ޑިމޮކްރެޓްސްގެ މެމްބަރުން ދާނެކަމަށް އާޒިމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ކެނޑިޑޭޓަކު މިއިންތިޚާބުގައި ވާދަ ކުރާނެ. އަޅުގަނޑުމެން މިހާރު މިހުރި ރައީސް ޞާލިހު ބަލިކުރާނަން. އެމްޑީޕީ ބަލިކުރާނަން. މިތިބީ ދޫދޭ ގޮތަކަށް ނޫން.
– އާޒިމް ވިދާޅުވިއެވެ.
— Ahmed Shareef (@shareef710) June 18, 2023
މިޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބް ރައީސް އީވާ ވިދާޅުވީ މިރެއަކި ރައީސް ޞާލިހު އެކި މުވައައްސަސާތަކަށް ފޮރުވަމުންދާ ނުފޫޒު އޮތްމިންވަރު ހާމަވި ރެއެއްކަމަށެވެ.
މިޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ޑިމޮކްރެޓްސް ހެދުމާއި ދެކޮޅު ހައްދަވާ ދެމެމްބަރުން އެކަމާއި ދެކޮޅު ހަދާނަމަ އެމެމްބަރުންގެ ގޭދޮށަށްވެސް އެއްބާނެކަމަށް ބުނެފައެވެ. މިޖަލްސާއަށްފަހު އިނދިކޮޅު ޕީޕީއެމްގެ މެމްބަރުންނާއި ޑިމޮކްރެޓްސްގެ ބޭފުޅުން ގެންދަނީ މަގުމަތީގައި ރައީސް ޞާލިހާއި މިސަރުކާރަށް ފާޑު ކިޔައި އަޑު އުފުލަމުންނެވެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވަން ނިންމާފައިވާރު އެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ވާދަ ކުރައްވާނެ އެވެ. ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުގައި މައްސަލަ ޖެހިގެން އުޅޭކަން މިރޭ ހާމަވިއިރު ރައްޔިތުންގެ މަޖިލިހުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. މަޖިލިސް ހުއްޓުނީ އެ މަޖިލީހުގެ ކޮމެޓީތަކަށް މެމްބަރުން ބަހާނެ ގޮތަކާމެދު ޕާޓީތަކަށް އެއްބަސްނުވެވިގެންނެވެ. އޭގެ އިތުރުން، އެ މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވަނީ ވައްދާފަ އެވެ. އެއާއެކު ނަޝީދު ވަނީ ރިޔާސަތުން ތަނާޒަލުވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ