ކ. އަތޮޅުގެ ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕް ކޮށްފިކަމަށް މިއަދު މީޑިއާތަކުން ރިޕޯޓުކޮށް، އަދި އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފައިވަނިކޮށް، ރޭޕްކުރިމަށް ބުނާ ކުއްޖާ ސޯޝަލް މީޑިއާގައި އޭނާގެ ޝަކުވާތައް ބަންޑުން ކޮށްލައިފިއެވެ.
އޮސްޓްރޭލިއާގައި ދިއިރުޅެމުންދާ ޗައިނާގެ ރައްޔިތެއްކަމަށް ބުނަމުން ރޭޕްގެ ޝިކާރައަކަށް ވިކަމަށް ބުނާ ކުއްޖާ ކޮށްފައިވާ ޓުވީޓުތަކެއްގައިވަނީ، އޭނާ ޗުއްޓީ ހޭދަކުރުމަށް އައި ރިސޯޓުގައި އޭނާގެ ބަޓްލަރެއްގެ ގޮތުގައި ހަމަޖެއްސި، އެ ރިސޯޓުގެ ދިވެހި މުވައްޒަފު އޭނާ ރޭޕްކުރި ގޮތުގެ ތަފްސީލު ހާމަ ކޮށްފައެވެ.
ހަމަ އެކަނި އެޓުވީޓުތައް ކުރުމަށް އުފައްދާފައިވާ ޓުވިޓަރ ހޭންޑްގައި ބުނެފައިވާ ގޮތުން، އޭނާ އެ ރިސޯޓަށް ދިއުމާއެކު އޭނާގެ ބަޓްލަރެއްގެ ގޮތުގައި ހަމަޖެއްސި ރިސޯޓު މުވައްޒަފު އޭނާއަށް އެހީތެރިވެދޭން އައިކަމަށެވެ. އަދި ހަމަ އެދުވަހު އޭނާ ގެންގުޅޭ ފޯނަށް ފެން އެޅުމުގެ ސަބަބުން އާއިލާއާއި ވާހަކަ ދެއްކޭނެ ގޮތެއް ނެތިގެން ރިސޯޓު މުވައްޒަފުގެ އެހީތެރިކަން ހޯދި ކަމަށް އޭނާ ބުނެފައި ވެއެވެ.
އަދި ރިސޯޓު މުވައްޒަފުގެ ފޯނަށް އޭނާގެ ސިމް ލައްވައިގެން، އާއިލާއި ވާހަކަ ދެއްކިކަމަށް ބުނަމުން، އޭނާ ރިސޯޓު މުވައްޒަފު އޭނާގެ އެނދުގައި އިށީނުމަށްފަހު މުއާމަލާތް ކުރަންފެށި ގޮތުގެ ގިނަ ތަފްސީލުތަކެއް ޓުވީޓުގައި ހިމަނާފައި ވެއެވެ.
ދެން އޭނާ އަހަރެން ގާތު ސުވާލު ކުރަން ފެށި، ރޭގަ އަހަރެން ކުރީ ކީއްތޯ؟ އަދި ކޮޓަރިން ބޭރުގައި، ޕޫލް ކައިރީގަތޯ ނިދީ؟ އޭނާ އަހަރެން އުޅެމުންދާ ގޮތް ބަލަމުންދިޔަކަން އަހަރެންނަށް އެގުނީ އެހާތަނުން. އޭނާ ކޮޓަރިން ބޭރަށް ދިއުމަށްފަހު ކުޑަ އިރުކޮޅެއް ފަހުން ކޮޓަރިއަށް އެނބުރި އައީ، އަހަރެންގެ މަންމަ ވީ ޗެޓުން މެސެޖެއް ކުރުމުން.
ރިސޯޓު މުވައްޒަފު އޭނާއާއި މުއާމަލާތު ކުރަންފެށިގޮތް ކިޔައިދެމުން އަންހެންކުއްޖާ ޓުވިޓަރ ހޭންޑްލްގައި ލިޔެފައި ވެއެވެ.
އެއަށްފަހު ކޮށްފައިވާ ޓުވީޓުތަކުގައި އަންހެން ކުއްޖާ ކިޔައިދީފައިވަނީ، ރިސޯޓު މުވައްޒަފު އޭނާ ރޭޕް ކުރުމަށް ކަންކުރި ގޮތުގެ ތަފްސީލުތަކެވެ.
I was raped in the Maldives. I don’t know how many people this will reach to but help me get help. I arrived in the Maldives on the 6th. I was to return to China on the 10th but i extended mg stay and decided to stay at the @RCMaldives pic.twitter.com/Sw97N5j6qI
— XuYitong (@YolyYitong) June 18, 2023
އަންހެން ކުއްޖާ ބުނެފައިވާ ގޮތުގައި، ރޭޕް ކުރުމަށްފަހު ރިސޯޓު މުވައްޒަފު އެބުރި ދިއުމުން ރިސޯޓުގެ މެނޭޖްމަނަޓަށް ވަގުތުން އެކަން އެންގި ކަމުގައެވެ. އެހެންނަމަވެސް ރިސޯޓު މެނޭޖްމަންޓުން އައިސް އެއީ "ކަމަކަށް ނުހެދުމުން" ފުލުހުންނަށް އެންގުމަށް އޭނާ އެދުނު ކަމުގައެވެ.
އަދި ފުލުހުންނަށް ރިޕޯޓު ކުރާނެކަމަށް ބުނުމަށްފަހު، އޭނާގެ ކޮމްޕިއުޓަރާއި، ރޭޕް ކުރުމަށްފަހު ސާފު ވުމަށް ރިސޯޓު މުވައްޒަފު ބޭނުންކުރި ތުވާލި ހިފައިގެން ރިސޯޓު މެނޭޖްމަންޓުން ދިޔަކަމަށްވެސް އަންހެން ކުއްޖާ ލިޔެފައި ވެއެވެ. އަދި ފުލުހުން އައިސް އޭނާގެ ބަޔާން ނެގި ކަމަށްވެސް ލިޔެފައި ވެއެވެ.
އެމީހުން އަހަރެންގެ އަނގައިން ސާމްޕަލް ނެގި. އަދި ބުނީ ނަތިޖާ ލިބެން ހަފްތާއެއް ނަގާނެކަމަށް. އަދި އަހަރެން ޖެހުނީ ނަތީޖާ ލިބުމުގެ ކުރިން ފުރަން. އޭނާ ވަގުތުން ވަގުތަށް ހައްޔަރު ކުރަންޖެހޭ ވަރުގެ ސަބަބެއް ނެތްކަމަށް ފުލުހުން ބުނީ. އަހަރެން ގޮސް ސިއްޙީ ތަހުލީލުތައްވެސް ހެދިން. އަހަރެންގެ ގައިގަ އެތަން މިތަނުގަ އޭގެ ނިޝާންތައް ހުރި.
ރޭޕްކުރިކަމަށް ބުނާ ކުއްޖާ ޓުވީޓު ކޮށްފައި ވެއެވެ.
އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި، އޭނާއަށް ދެން އަންގާފައިވަނީ ވީހާ އަވަހަކަށް ރިސޯޓު ދޫކޮށް ދިއުމަށް ކަމުގައެވެ. އަދި އެއީ އެރިސޯޓުގެ މައްސަލައެއް ނޫންކަމަށާއި، އެމައްސަލައަކީ ރިސޯޓު މުވައްޒަފާއި ފުލުހުނާ ދެމެދު އޮތް މައްސަލައެއް ކަމައް އޭނާއަށް އަންގާފައިވާކަމަށްވެސް އަންހެންކުއްޖާ ޓުވިޓަރ ހޭންޑްލްގައި ލިޔެފައި ވެއެވެ.
އަންހެން ކުއްޖާވަނީ، ރިސޯޓުން ހައުސްކީޕަރުންނަށް ދަސްކޮށްދީފައިވަނީ ހަމައެކަނި "ޓިޕްސް" ހޯދުމަށް ކަމަށްބުނެ، އޭނާ ރޭޕްކުރުމުންވެސް އެ ރިސޯޓުން އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށްވެސް ބުނެފައެވެ.
އޭނާ ބުނެފައިވާގޮތުގައި ރިސޯޓުން އޭނާއަށް ތުހުމަތު ކުރަނީ، ރޭޕްގެ ވާހަކަ އޭނާ ދައްކަމުން ދަނީ އެ ރިސޯޓުގައި "ފްރީކޮށް ހުރުމަށް" ކަމަށް ކަމަށެވެ. އެހެންނަމަވެސް، ރިސޯޓުގައި އޭނާ ހުރި މުއްދަތަށް ފުލްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނަމުން އޭނާއަކީ އޮސްޓްރޭލިއާގައި ދިއިރުޅެމުންދާ މުއްސަދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ކަމަށްވެސް ބުނެފައި ވެއެވެ.
އޭނާވަނީ އޭނާގެ ޓުވީޓުގައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސިއާއި، ރައީސް ސާލިހުއާއި، ޓުއަރިޒަމް މިނިސްޓަރ ޑެރ. މައުސޫމް އާއި ފޮލިސް ކޮމިޝަނަރގެ އިތުރުން އޭނާ ޗުއްޓީ ހޭދަކުރި ރިސޯޓުގެ ހޮޓެލް ޗެއިންގެ އިތުރުން އެ ރިސޯޓުވެސް ޓެގް ކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ކުރިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ޗައިނާގެ ފަތުރުވެރިޔާ ރޭޕްކޮށްފައިވަނީ ރިޓްޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގައެވެ.
މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ސުވާލުކުރަންޖެހޭ ފަރާތްތަކަށް ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކުރިކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ