ޤާނޫނަށް އިސްލާހު ނުގެނެސް ބޮޑުކުރާ އެއްވެސް އެލަވެންސަކީ ދާއިމަށް ދެވޭނެ އެއްޗެއް ނޫންކަމަށާއި، ސަރުކާރުން ބޭނުންވާ ކޮންމެ ހިނދެއްގައި އެއެލަވެންސް ހުއްޓާލުމުގެ ބާރު ސަރުކާރަށް ލިބިގެންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 3،000 އާއި 7،000 އާ ދެމެދުގެ އަދަދަކަށް ބޮޑުކުރަން ނިންމައި ސަރުކާރުން އިއުލާންކުރުމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ އުޝާމް ނިސްބަތްވާ އެންއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މީގެ ހަތަރު އަހަރު ކުރިން އެކަމާ ގުޅޭ ގޮތުން ގާނޫނަށް ހުށަހެޅުއްވި އިސްލާހު ފާސްނުކުރުމުން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.
އުޝާމް ވިދާޅުވީ އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، އެ ގާނޫނު އިސްލާހުކުރުމަށް 2019 ގައި ނާޒިމް ހުށަހެޅުއްވުމުން އެ ބިލު ފާސްކުރީސް ކަމަށެވެ. އޭނާ ވިދާޅުވީ ޤާނޫނަށް މަޖިލީހުން ބަދަލު ގެނެސްގެން ނޫންގޮތަކަށް މިގޮތަށް އެއްވެސް އެލަވެންސެއް ބޮޑު ނުކުރެވޭނެކަމަށެވެ.
މިކަމަކީ ގާނޫނު އިސްލާހުކޮށްގެން ކުރަންޖެހޭ ކަމެއް. އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ، މިގާނޫނު އިސްލާހުކުރުމަށް މީގެ 4 އަހަރުކުރިން 2019 ވަނަ އަހަރު MNP ގެ ރައީސް މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރީސް. ގާނޫނު އިސްލާހު ނުކުރުމުގެ ނަތީޖާއަކީ އިތުރުކުރި އެލަވަންސް ދިނުން ސަރުކާރުން ބޭނުންއިރަކު ހުއްޓާލުމުގެ ފުރުސަތު އޮތުން.
– އުޝާމް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދެވިއިރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކެއް ލިބިވަޑައިގެންނެވި ކަމަށާއި، އިނާޔަތް ބޮޑު ކުރެއްވުމަށް އެމަނިކުފާނު ކެނޑިނޭޅި މަސައްކަތް ކުރެއްވިކަމަށެވެ. އަދި ގޮންޖެހުންތަކާއިއެކުވެސް މިނިންމެވުން އެމަނިކުފާނު ނިންމަވައި، ބޮޑުކުރެއްވި އެލަވެންސްތައް މިމަހުން ފެށިގެން ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކަނޑައެޅި އެލަވެންސް ތަކާއި، ދޭ ކެޓަގަރީތައް:
* ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ އަދި އެހެން މީހެއްގެ އެހީގައި ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ޖެހޭ 65 އަހަރުން ދަށުގެ ފަރާތްތަކަށް މަހަކު 2،000 ރުފިޔާ
* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއި 65 އަހަރުން ދަށުގެ މީހުންގެ ތެރެއިން އަސާސީ ބޭނުންތަކަށް އާންމުކޮށް، ބޭނުން ކުރަން ޖެހޭ ތަކެތި ހޯދުމަށް މަހަކު 1،000 ރުފިޔާ
* އެއްގެއްގައި ދިރިއުޅޭ ނުކުޅެދުން ތެރިކަން ހުންނަ މީހުން 3 މީހުންނަށްވުރެއް ގިނަ ނަމަ މަހަކަށް 1،000 ރުފިޔާގެ އެލަވެންސެއް، މިއިނާޔަތްވެސް ލިބޭނީ 65 އަހަރުން ދަށުގެ މީހުންނަށެވެ.
އިނާޔަތް ބޮޑުކުރުއްވުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 15 އިންސައްތަ މީހުންނަށް ކުރިއަށް އޮތް ތަނުގައި 6،000 ރުފިޔާ ލިބޭނެއެވެ.