މަސައްކަތެއް ނެތިއްޔާ ކޮމިޓީ ކޮޓަރިތައް ހުންނަނީ ތަޅުލާފައިކަމަށް މަޖިލިސް އިދާރާއިން ބުނާބުނުމަކީ ދޮގެއް: ނާޝިޒު

މަސައްކަތެއް ނެތިއްޔާ ކޮމިޓީ ކޮޓަރިތައް ހުންނަނީ ތަޅުލާފައިކަމަށް މަޖިލިސް އިދާރާއިން ބުނާބުނުމަކީ ދޮގެއް: ނާޝިޒު

Author
ހުސެއިން
13 ޖޫން 2023 07:32
0

ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ކުރިޔަށް ނުދާ ވަގުތުތަކުގައި ކޮމިޓީ ކޮޓަރިތައް ހުންނަނީ ތަޅު ލާފައިކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ބުނާ ބުނުމަކީ ދޮގެއް ކަމުގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ފާއިތުވެދިޔަ ހަފްތާ ބަންދަށްފަހު، މަޖިލިސް ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަން އޮތް ދުވަހު މެމްބަރުން މަޖިލީހަށް ވަޑައިގެންނެވިއިރު މަޖިލިސް އިދާރާގެ ހުރިހާ ކޮޓަރިއެއް ތަޅުލާފައި ހުރެގެން އެވާހަކަ ސޯޝަލް މީޑިއާގައި އާންމުވުމާއިއެކު ރައްޔިތުންގެ މަޖިލިހުގެ އިދާރާއި ކުރި ޓުވީޓަކަށް ރައްދު ދެމުންނެވެ.

މަޖިލިސް އިދާރާއިން ކުރި ޓުވީޓުގައި މަޖިލިސް ކޮމިޓީ ކޮޓަރިތައް ތަޅުލާފައި ހުންނަނީ ކޮމިޓީ ކޮޓަރިތަކުގައި މުހިންމު ލިޔެކިޔުންތައް ހުންނާތީކަމަށް މަޖިލިސް އިދާރާއިން ބުނާ ބުނުންވެސް ނާޝިޒު ދޮގު ކޮށްފައި ވެއެވެ. ނާޝިޒު ވިދާޅުވީ ކޮމިޓީ ބައްދަލުވުން ތަކަށްފަހު އެއްވެސް މުހިންމު ލިޔުމެއް ކޮމިޓީ ރޫމްތަކުގައި ނުބަހައްޓާނެ ކަމަށާއި ހުރިހާ މުހިންމު ލިޔުމެއްވެސް ހުންނާނީ ކޮމިޓީގެ ސެކެޓްރިއޭޓްގައި ކަމަށެވެ.

އެމްޑީޕީއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކުރި ދުވަހު މަޖިލިސް ކޮޓަރިތައް ތަޅުލީ އެމައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަށް މަޖިލިސް ރައީސް ނަޝީދުއާއި އަމީން އާންމުއެވެ.

މަޖިލިސް ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައި ނުވަނީ ކޮމިޓީތަކުގެ ކޮމްޕޮޒިޝަނާއި ގުޅޭގޮތުން އުފެދުނު ޚިޔާލު ތަފާތުވުން ތަކުގައި އާންމު ކޮމިޓީ ހުއްޓުމަކަށް އައިސްފައި ވާކަމަށް ބުނެއެވެ.

އެހެންނަމަވެސް އެމްޑީޕީން ބުނެފައިވަނީ، މަޖިލިހުގެ ދާއިމީ ކޮމިޓީތައް ހުއްޓުމަކަށް ނުގެނެވޭނެ ކަމަށާއި އާންމު ކޮމިޓީގެ ކޮމްޕޮޒިޝަން އަލުން ކަނޑައެޅެންދެން މިހާރު ތިއްބެވި މެމްބަރުންނާއެކު އާންމު ކޮމިޓީ ބާއްވަން ޖެހޭނެ ކަމަށެވެ.

މަޖިލިސް ނާއިބު ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމުގެ ކުރިން އާންމު ކޮމިޓީން ބަހުސްގެ ވަގުތު ކަނޑައަޅަން ޖެހެއެވެ.

މަޖިލިސް ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރުވަނީ މިއަދަށް އެޖެންޑާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.