އެންމެންގެ އަތުގައި ހުރި ހުރިހާ ތަޅެއް ހަވާލު ކުރަންވީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ނުވެ، މަޖިލީހުގެ ކޮމެޓީތަކުގައި މިއަދު ތަޅުލައި، ނުވަދެވޭގޮތަށް ބަންދު ކުރުމާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ނާޝިޒު ވިދާޅުވީ ރައީސް ނަޝީދަކީ ވެރިކަން ކުރަން ލިބުނު ފަސް އަހަރުގައިވެސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި، ޤައުމުގެ ހުރިހާ މުވައްސަސާތަކެއްގައި ތަޅު އަޅުވައިގެން އުޅުއްވި ބޭފުޅެއް ކަމަށެވެ. ކެބިނެޓް އެކީ އިސްތިއިފާ ދެއްވައި ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން އުޅުއްވި ވެރިއެއްގެ ގޮތުގައި ނަޝީދު ވެފައިވާކަމަށެވެ.
ނާޝިޒު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގެ މަސައްކަތް ހުއްޓުވާލާފައިވާގޮތަށް ކޮމެޓީތަކުގައި ތަޅު އަޅުވައިގެން ކޮމެޓީތަކަށް ނުވަދެވޭނެހެން ހަދާފައިވަނީ މަސައްކަތް ހުއްޓުވާފައިވާތީ އެކަމާ ކަންބޮޑުވާކަމަށެވެ. އަދި މިއީ ޑިމޮކްރަސީއާއި ބީރައްޓިހި ޢަމަލުތަކެއް ކަމަށް ނާޝިޒު ވިދާޅުވިއެވެ.
އަޅުގަނޑު ހިތައް އަރާ ދެންމި އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ ތަޅެއް ގެންގޮސް މިބޭފުޅާއާއި ހަވާލު ކުރަންވީއޭ. ބޮޑު ތަޅު، ތަޅު އަޅުގަނޑުމެންނަކަށް ނޭގޭ ދެން އެބޭފުޅާއެއްކޮށް އުޅުއްވާ ހުރިހާ ބޭފުޅުން މިވިދާޅުވަނީ ކޮންމެެވެސް ބޮޑު ތަޅެއްގެ ވާހަކަ. ޑެޑްލޮކެއްގެ ވާހަކަ. މިއީ އަޅުގަނޑުމެންނަށް އަންޑަސްޓޭންޑްވާ ކަމެއްނޫން. އަޅުގަނޑުގެ އިލްތިމާސަކީ ޤާނޫނީ އިމުގެ ތެރެެއަށް އަޅުގަނޑު މެންގެ ޕާޓީގެ ރައީސް ވެންނެވުން.
– މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ނާޝިޒު ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތް ހުއްޓިފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތަރުޖަމާން ވެލިދޫ ދާއިރާގެ މެންބަރު ޝަފީޤް ވިދާޅުވީ، ކޮމެޓީތައް އެކުލަވާ ނުލެވި ވަނީ މަޖިލީހުގެ ރިޔާސަތުން އެކަމަށް ޖާގަ ދެއްވަން ބޭނުން ނުވާތީކަމަށެވެ. އެންމެފަހުން ބޭއްވުނު ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމުގައި ކޮމެޓީތައް އެކުލަވާލުމަށް އެމްޑީޕީން ދޫ ދޭންޖެހޭ އެންމެ ބޮޑަށް ދޫދީ ކޮމެޓީތައް އެކުލަވާލަން އެއްބާރުލުން ދީފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.
ޢާންމު ކޮމެޓީއަށް އިދިކޮޅު ފަރާތްތަކުން ބޭނުންފުޅުވީ، ހުރިހާ ޕާޓީއެއްގެ މެމްބަރުން ތަމްސީލު ވާގޮތަށް އެކޮމެޓީ އެކުލަވާލަން. އެކަމަށްވެސް އެބަސްވެ ވަޑައިގެންނެވި. އެހެން ނަމަވެސް އެނގި ވަޑައިގެންނަވާނެ 241 ކޮމެޓީ އެކަނި ޤާނޫނު އަސާސީ ބުނާގޮތުން ހުރިހާ ޕާޓީއެއް ތަމްސީލްވާ ގޮތަށް އެކުލަވާލަންޖެހެނީ.
– ޝަފީޤް ވިދާޅުވިއެވެ.
މެމްބަރު ޝަފީގު ވިދާޅުވީ، ޤާނޫނު އަސާސީގައި މިގޮތަށް ކަނޑައަޅާފައި ވީނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، އިދިކޮޅު ފަރާތްތަކުގެ ހުށަހެޅުމާއި އެކީގައި ކޮމެޓީތައް އެކުލަވާލުމަށް އެއްބާރުލުން ދެއްވާފައިވާކަމަށެވެ. މިބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނޭ އެކި ކޮމެޓީތަކުގައި މުޤައްރިރުކަން ކުރައްވާ ބޭފުޅުން ވަނީ ކޮމެޓީޓީތަކުގައި ރައްޔިތުންނާާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއްހުރެ ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރައްވަން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ބަހުސް ކުރެއްވުމަށް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ