އެމް.އެމް.ޕީ.އާރު.ސީ މައްސަލަ އަކީ ބޮޑު ޙިޔާނާތެއް ނަމަވެސް މިސަރުކާރުން އެމައްސަލަ ހެދީ ސިޔާސީ ތޫނު ހަތިޔާރަކަށް ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވާތާ 900 ދުވަސް ވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ޝިޔާމް ވިދާޅުވީ މިހާތަނަށް 2023 ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރެއްވި ހުރިހާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ރިޔާސީ ޓިކެޓު އެރުވުނު ޙަފްލާތަކުން މަޖުބޫރުކަމެއްނެތި ހިތުލޯބިން އެންމެގިނަ ރައްޔިތުން ޖަމާވިތަން ފެނުނީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ޓިކެޓު އެރުވުނު ކުލަގަދަ ޙަފްލާއިން ކަމަށެވެ.
ރައީސް ޔާމީނަކީ 2023 ގެ ރިޔާސީ ޓިކެޓު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ކެންޑިޑޭޓުވެސް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެންމެ ގިނަ ދިވެހިރައްޔިތުން އެބޭފޫޅަކަށް ތާޢީދު ކުރައްވާ 2023 ކާމިޔާބު ކުރައްވާނެކަމުގެ އެންމެ ބޮޑު އުންމީދަކާ ޔަޤީންކަމެއްވެސް ދިވެހިންނަށް އޮތް ލީޑަރުކަމަށެވެ.
ރައްޔިތުން ބޭނުންވަނީ ފުދުންތެރި އަބުރުވެރި އަމާން ރައްކާތެރި ދިރިއުޅުމެއް. ރައްޔިތުން ބޭނުންވަނީ ލޮލަށްފެންނަ އަތްލެވޭ ތަރައްޤީއެއް. ރައްޔިތުން ބޭނުންވަނީ އަދި އެއްފަހަރު ރައީސް ޔާމީންގެ އުޖާލާ ޒަޢާމަތެއްގެ ޒަމާނެއް.
– ޝިޔާމް ވިދާޅުވިއެވެ
ޝިޔާމް ވިދާޅުވީ މިއަދު ދިވެހިން ބަރުދާސްތު މިކުރާ ހިތްދަތި މާޔޫސް އަދި އަޅުވެތި ދުވަސްތައް މަޒީކުރުވާނެ ރައްޔިތުންނަށް މިނިވަންކަމާ އުފާފާގަތިކަން ކަށަވަރުކޮށްދޭނެ އުޖާލާ ޒަމާނެއް މިދީބަށް ހޯއްދަވައިދެއްވާނެ ލީޑަރުވެސް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަށް 4 އަހަރާ 7 މަސްވީއިރު ރައީސް ޔާމީން ނުހައްގުން ޖަލުގައި ގެންގުޅޭތާ 900 އެތައް ދުވަހެއްވީއިރު، އެމް.އެމް.ޕީ.އާރު.ސީ މައްސަލަ އަކީ ބޮޑު ޙިޔާނާތެއް ނަމަވެސް މިސަރުކާރުން ހެދީ ސިޔާސީ ތޫނު ހަތިޔާރަކަށް ކަަމަށް ޝިޔާމް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ހަމައެކަނި ކުށަކީ 2023ގެ ރިޔާސީ ރޭހުގައި އިބްރާހިމް މުހައްމަދު ޞާލިހާއި، ވާދަކުރައްވާ ކަމަށް ރައީސް ޞާލިހަށް ހީފުޅުވުންކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޤަބޫލުފުޅު ކުރައްވާ. ރައީސް ޔާމީން ތީގެން އެއްވެސް ކެންޑިޑޭޓަކާ ވާދައެއް ނުކުރައްވާ. އެމަނިކުފާނު އަބަދުވެސް ވިދާޅުވަނީ ތިމަންމަނިކުފާން ވާދަމިކުރައްވަނީ ޤައުމުގެހުރި ބޮޑެތި މައްސަލަތަކާ ކަމަށް. ރައްޔިތުންގެ ހުރި ބޮޑެތި ތަކުލީފުތަކާ ކަންބޮޑުވުން ތަކާކަމަށް. އެކަންކަމަށް ތަސައްލީއެއް ހޯއްދަވައިދެއްވުމަށްކަމަށް.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ ވަޢުދުނާމާ އޮއްސާލެއްވިއިރު ވަޢުދުތައް އެބޭބޭފުންގެ އިސްކޮޅާ ނުބައްދަލު ކަމަށެވެ. ގިނަ ދާއިރާތަކުން ކޮށްދެއްވާނެކަމަށް އެބޭފުޅުން ވިދާޅުވެފައިހުރި ކަންކަމަކީ ރައީސް ޔާމީންގެ ދައުރުގައި އަމަލުން ޖައްސަވާފައިހުރި ބެންޗުމާރކަށްވުރެ ތިރީ ވަޢުދުތަކެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެހެންކަމުން 9 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމަންޖެހޭ ނިންމުން މާބޮޑަށްވެސް ފަސޭހަވެގެން ހިނގައްޖެ ކަމަށާއި، ރައްޔިތުން ބޭނުންވަނީ ބަންގީގެ އަޑު އިވޭ މިނިވަން ޖައްވަކަށްނޭވާލާން ކަމަށެވެ.
ޢަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީން ޓިކެޓް ދީފައިވަނީ ޔާމީނަށެވެ. ޢެހެންނަމަވެސް މިހާރު ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލުގެ ހުކުމާއި ގުޅިގެން ރިޔާސީ އިންތިހާބުގެ ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށްވަނީ ހަނިވެފައެވެ.
ކޮމެންޓު ފޮނުވާ