ޖުމުހޫރީ ޕާޓީން މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެޕާޓީގެ ރިޔާސީ ޓިކެޓް މިރޭ ގާސިމް އިބުރާހިމަށް އަރުވައިފިއެވެ. ޖުމުހޫރީ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކާއެކު ޖުމުހޫރީ ޕާޓީން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ގާސިމް އިބުރާހިމްއައި ރިޔާސީ ޓިކެޓް ހަވާލު ކުރުމުގެ ޖަލްސާ ފެށިގެން ދިޔައީ ގާސިމް އިބުރާހިމްގެ ގައުމީ ޚިދުމަތްތަކާއި ގުޅޭގޮތުން ގެނެސްދެވުނު ރިޕޯޓަކާ އެކުއެވެ.
ޖުމުހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ރިޔާސީ ޓިކެޓް ގާސިމްއާއި ހަވާލު ކޮށްދެއްވީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްއެވެ. މި ޖަލްސާގައިވަނީ ޖުމުހޫރީ ޕާޓީގެ ކެމްޕޭން ލަވައާއި އަދި ރިޔާސީ ކެމްޕޭންގެ ރަސްމީ ޝިއާރުވެސް އިއުލާން ކޮށްފައެވެ. ގާއިމްގެ މިއަހަރުގެ ރިޔާސީ ކެމްޕޭންގެ ޝިއާރަކަށް ހައްދަވާފައިވަނީ، "ހާސް ކަނޑާލާ، ހަމަޖެހޭނެ، ކުރިޔަށް ދިވެހި ގައުމު" މިޝިއާރެވެ. ރިޔާސީ ޓިކެޓާއި ހަވާލު ވުމަށްފަހު ގާސިމް އިބުރާހިމްވަނީ ޕާޓީގެ މެމްބަރުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.
ގާސިމްގެ ވާހަކާގައިވަނީ، ގައުމުގެ މިސްރާބު ގެއްލި، އެތެރެއާއި ބޭރުގެ ދަރަނި ލޮލުކޮޅަށް ނުފެންނަ ހިސާބަށް އޮބާލާފައިވާކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރަށް ގާސިމްގެ ވާހަކަ ފުޅުގައި ވިދާޅުވީ، މިރެއަކީ، މީގެ 19 އަހަރުކުރިން ރައީސް މައުމޫން އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާ އިއުލާން ކުރެއްވި ރޭކަން ފާހަގަ ކުރައްވަމުން، ވިދާޅުވީ އޭރު ރައީސް މައުމޫން އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާއަކީ ގައުމަށް މިއަދު އައިސްފައިވާ ހެޔޮ ބަދަލު ގެނައުމަށް ހުޅުވާލި ބޮޑު ދޮރާށި ކަމުގައެވެ.
އެހެންނަމަވެސް، މިހާރު ގައުމުގައި ކަރަޕްޝަން އާންމުވެފައިވާ ކަމަށާއި، ޓެކްސް ބޮޑުވެ، އާމްދަނީ ދަށަށް ގޮސް، ކަނޑުން ބައެއް އުނިވެފައިވާކަމުގެ އުދާސްތައް އިންތިހާއަށް ބޮޑުވެގެން ގޮސްފައި ވުމާއެކު، ގައުމަށް މިއަދު އިސްލާހީ ހެޔޮ ބަދަލުތަކަކަށް ބޭނުންވެފައިވާކަމުގައިވެސް ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އަދި ގާސިމް ވިދާޅުވި މި މިސްރާބަށް ގައުމާއިގެން ކުރިޔަށް ވަޑައިގެންނެވުމުގެ ހިތްވާރައި ކެރުންތެރިންކަން އޭނާގެ ކިބައިގައި ހުންނެވި ކަމުގައެވެ. މިގޮތުން މިހާސްކަމުން ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް ފުރުސަތެއް ދެއްވުމަށް ރައްޔިތުންގެ ކިބައިން ގާސިމް އެދިވަޑައިގަތެވެ.
ގާސިމް ވިދާޅުވީ 2008 ގައިވެސް އަދި 2013ގަވެސް ރައީސްކަމަށް ކުރިމަތި ލެއްވިކަމަށާއި، އެ ދެފަހަރުވެސް ރައްޔިތުން ދެއްވި ތާއީދަށް ގާސިމްވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އެހެންނަމަވެސް ދެފަހަރުވެސް ދެވަނަ ބުރަށް ދިއުމުގެ ނަސީބު ނުލިބުނުކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ އެއްފަހަރު އެމްޑީޕީއަށް އަނެއްފަހަރު ޕީޕީއެމްއަށް ތާއީދު ކުރެއްވި ކަމަށާއި، ޖެހިގެން އައި 2018ގެ ދައުރުގައި ވެރިކަމަށް ކުރިމަތި ލެއްވުމުގެ ފުރުސަތު ލިބިވަޑައި ނުގެންނެވިކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މިއިން ކޮންމެފަހަރުކުވެސް އެއްބަސްވުންތަކުގައި ސޮއިކޮށްގެން ކޮންމެ ބޭފުޅަކަށްވެސް ވެރިކަން ލިބުމުން، ކަންކޮށްފައިވާ ގޮތުގެ ވާހަކަ ދެއްކެވުމުގެ ބޭނުމެއް ނެތްކަމުގައެވެ. މިއިން ކޮންމެ ފަހަރަކުވެސް ރައްޔިތުން މުދަލަށް ގެއްލުން ލިބި ރައްޔިތުން ނިމެތިވެގެން ގޮސްފައިވާކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވި އޭނާ ރާއްޖޭގެ ރައީސްކަމަށް އިންތިޚާބު ވެއްޖެނަމަ އެއްވެސް ދިވެހި ރައްޔިތަކު ބާކީ ނުކުރާނެ ސަރުކާރެއް އުފައްދަވާނެ ކަމުގައެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ، ރައްޔިތުންނަށް މިހާރު އެމްޑީޕީއާއި ޕީޕީއެމްވެސް ތަޖުރިބާ ކުރެވިއްޖެ ކަމަށާއި މިހާރު ތަޖުރިބާ ނުކުރެވި އޮތީ ޖުމުހޫރީ ފިކުުރު ކަމުގައެވެ. މިގޮތުން ޖޭޕީގެ ފިކުރަކީ ރީފޯމިސްޓުންގެ ފިކުރު ކަމަށާއި، އެއީ ރައްޔިތުން ސަލާމަތާއި ތަމައްދުނުގެ ފިކުރު ކަމަށާއި، މިފަހަރު ޖުމުހޫރީ ފިކުރަށް ފުރުސަތު ދެއްވުމަށް ގާސިމްވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
މިގޮތުން ޖުމުހޫރީ ފިކުރަށް ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ، ރައްޔިތުންގެ އުދާސްތަކަށް ހައްލު ހޯދާ ދެވޭނެވަރުގެ މެނިފެސްޓޯއެއް އެކުލަވާލައްވާފައިވާކަން ފާހަގަ ކުރައްވަމުން ގާސިމްވަނީ އެ މެނިފެސްޓޯގެ މައިގަޑު އަސާސްތަކަށް އަލި އަޅުއްވާލައްވާފައެވެ.
އަދި ގާސިމްވަނީ އެނާގެ ވެރިކަމުގައި ޒައްރެއްގެ މިންވަރުވެސް ގެއްލިގެންދިޔަ ނުދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އިޓްލޮސްގެ ހުކުމުން ގެއްލިގެން ދިޔަ ބައި ހޯއްދެވުމަށް، ބައިނަލްއަގުވާމީ އެކްސްޕާޓުންގެ އެހީގައި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފައްޓަވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
އޭގެ އިތުރަށް ގާސިމް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 3 އަހަރު ތެރޭ ދައުލަތުގެ ދަރަނި 120 އިންސައްތައިން 90 އިންސައްތައަށް ދަށް ކޮށްދެއްވާނެ ކަމުގައެވެ. އަދި ދައުލަތުގެ ޚަރަދު ޖީޑީޕީގެ ނިސްބަރުން 30 އިންސައްތައަށް ދަށްކޮށް، އާމްދަނީ 30 އިންސައްތަ މަތިކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
One Response
އަމިއްލައެދުމުން ޒުވާންއަންހެނުންސަލާމަތްުކުރުންމެނިފެސްޓޯގައިހިމަނާތި